ޚަބަރު
ވ. ފެލިދޫގައި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ފެލިދޫގައި މި ޚިދުމަތް ފެށުން/ފޮޓޯ: ރައީސް އޮފީސް
ވ. ފެލިދޫގައި ޕާސްޕޯޓް ޚިދުމަތާއި އައިޑީކާޑުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތްތައް ރަސްމީކޮށް ފަށްޓަވައިދެއްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެލިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ވިދާޅުވީ، އައިޑީ ކާޑުގެ ޚިދުމަތް ވ. ފެލިދޫ ކައުންސިލުގައި ފެށުމާއެކު އެއަތޮޅުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް ޑީއެންއާރުން ފާހަގަކުރެއްވިއެވެ.
ފެލިދޫގައި އައިޑީކާޑްގެ ޚިދުމަތް ތަޢާރަފްކޮށްފައިވާއިރު ޕާސްޕޯޓުގެ ޚިދުމަތްވެސް މިހާރު އެރަށުން ލިބޭނެއެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މިޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 14 އަތޮޅެއްގައި މި ޚިދުމަތް މިވަނީ ދޭން ފަށާފައެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕާސްޕޯޓާއި އައިޑީކާޑު ހެއްދުމުގެ ޚިދުމަތް ދެމުން އަންނައިރު، މެލޭޝިއާގައިވެސް ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހެދުމުގެ ޚިދުމަތްވަނީ ފަށާފައެވެ.
މި ޚިދުމަތްތައް ފުޅާކުރުމުގެ ސަބަބުން ރައްޔިތުންނަށް ދަތުރުފަތުރުގެ ދަތިކަމެއް ނެތި، ފަސޭހަކަމާއެކު މިފަދަ މުހިންމު ލިޔެކިޔުންތައް ހެދޭނެ މަގު ފަހިވެގެންދާނެއެވެ.