ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޕާކިސްތާނުގެ ވަޤުތީ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

މި ޒިޔާރާތުގެ ތެރެއިން/ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ޕާކިސްތާނުގެ ވަޤުތީ ރައީސް، އޮނަރަބަލް ޔޫސުފް ރަޒާ ގިލާނީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ވަނީ، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން، މި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވާފައިވެއެވެ. އަދި އެކި ދާއިރާތަކުން، ޚާއްޞަކޮށް ތަޢުލީމާއި ޞިއްޙީ ދާއިރާއާއި ވިޔަފާރީގެ ރޮގުން ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، މަޖިލީހުގެ އިމާރާތަކީ ދެ ޤައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ލާއިންސާނީ އަނިޔާ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކުރައްވާފައެވެ. ހަމަ އެހެންމެ، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނާ އެކުގައިކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ހުއްޓުމެއް ނެތި ދިވެހިރާއްޖެއިން ފަލަސްޠީނަށް ތާއީދު ކުރުންމަތީ ދެމިތިބޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުން ނިންމާލައްވަމުން މަޖިލީހުގެ ރައީސް ވަނީ، ޕާކިސްތާނު ސަރުކާރުން އެމަނިކުފާނަށާއި ވަފުދުގެ ބޭފުޅުންނަށް އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރު ދަންނަވާފައެވެ. އަދި ދިވެހިރާއްޖެއާއި ޕާކިސްތާނަކީ ސަޤާފީ އަދި ދީނީގޮތުން އެއްބައިވަންތަ ދެ ޤައުމުކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ބަދަހި ގުޅުމުގެ ސަބަބުން، މިފަދަ އިސްލާމީ ޤައުމުތަކުގެ މެދުގައި ޞުލްޙަ މަސަލަސްކަމާއި، ތަރައްޤީއާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވާކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.