ޚަބަރު
ފުލިދޫގައި 12 ހެކްޓަރުގެ ބިން ހިއްކައި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފައްޓަވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ރައްޔިތުންގެ ޚިޔާލާއެކު ކައުންސިލުން ހުށައެޅުމުން، ވ.ފުލިދޫއިން 12 ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މީގެއިތުރުން، އަންނަ އަހަރު ކުރީކޮޅު ފުލިދޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތްވެސް ފައްޓަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ، މިހާރު ފެލިދެ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ވ.ފުލިދޫއަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ފުލިދޫއަކީ 500އެއްހާ މީހުންގެ އާބާދީއެއް އޮންނަ، މިހާރުވެސް 26 ގެސްޓްހައުސް ހިންގަމުންދާ، ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށެކެވެ.
އެމަނިކުފާނު ވިދާޅުވީ، ފުލިދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައިވާކަމަށާއި، އެ ވަޢުދުތައް ފުއްދެވުމަށް ފުރިހަމައަށް ސަމާލުކަން ދެއްވާނެކަމަށެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފެށުނު ބަނދަރާއި، ސިއްޙީ މަރުކަޒުގެ އާ އިމާރާތާއި، އޭޓީއެމްގެ މަސައްކަތާ، ވޮލިބޯޅަ ކޯޓުގެ މަސައްކަތަކީ ރަށުގެ ރައްޔިތުން އެދުނު މަސައްކަތްތަކެކެވެ. އަދި މިއީ ފަރުދީ ތަރައްޤީއާއި ރަށުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.
ފުލިދޫއަކީ ގެސްޓްހައުސް ވިޔަފާރި ފުޅާވަމުން އަންނަ ރަށެއްނަމަވެސް، ބިން ކުޑަ ރަށަކަށްވުމާއެކު، އެންމެ މުހިންމު އެދުމެއްގެ ގޮތުގައި ރައްޔިތުން ހުށަހަޅާފައިވަނީ ބިން ހިއްކުމުގެ މަޝްރޫޢުއެވެ. މިކަމަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ބިމުގެ މައްސަލަ ޙައްލުކޮށްދިނުމަށް، ރަށުގެ ބަނދަރު މަސައްކަތާ ގުޅިގެންދާގޮތަށް 12 ހެކްޓަރުގެ ބިން ހިއްކާދެއްވާނެކަމަށެވެ. ނަމަވެސް، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވާނީ ރަށުގެ ރައްޔިތުންގެ ޚިޔާލު ލިޔެކިޔުމުން ކައުންސިލަށް ހުށައަޅުއްވައިދެއްވުމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އުއްމީދުކުރަނީ ބިން ހިއްކުމަށް ރައްޔިތުންގެ ރުހުން އޮތްކަމުގެ ލިޔުން ވަރަށް އަވަހަށް އަޅުގަނޑަށް ލިބޭނެކަން. އިނގޭ ލޯކަލް ޓުއަރިޒަމް ރަށެއްގައި ގޮނޑުދޮށުގެ މުހިންމުކަން. އެހެންވީމަ އެކަންކަން ރައްޔިތުން މަޝްވަރާކޮށް، މިއަހަރު ނިމި އަންނަ އަހަރު ކުރީކޮޅު ޢަމަލީ މަސައްކަތް ފަށަން ބޭނުން. އެހެންވީމަ ލިޔެކިޔުމުން އެކަން އަންގައިދޭން ބޭނުންވޭ
ރައީސް
ރައީސް ވިދާޅުވިގޮތުގައި ފުލިދޫފަދަ ލޯކަލް ޓުއަރިޒަމް ފުޅާވަމުން އަންނަ ރަށްތަކަކީ ބޮޑު އަދަދަކަށް ޓެކްސް ދައްކަމުންދާ ރަށްތަކެކެވެ. އިޤްތިޞާދު ފުޅާކުރުމަށް ރަށުގައި ފަތުރުވެރިކަމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ރަށަކަށްވުމާއެކު، ފުލިދޫގައި އަންނަ އަހަރު ކުރީކޮޅު ޑޮލަރު އޭޓިއެމްގެ ޚިދުމަތް ފައްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ރަށުގައި ވޮލީކޯޓުގެ މަސައްކަތާއެކު ފުޓްސެލް ދަނޑެއްވެސް އަޅައިދޭނެކަމަށް ރައީސް ވަނީ ވަޢުދުވެވަޑައިގެންފައެވެ.