Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ވ. ފުލިދޫ ކައުންސިލާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ވ. ފުލިދޫ ކައުންސިލާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ރައީސް، ފުލިދޫ ކައުންސިލާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 ސެޕްޓެމްބަރު 2025، 07:10

19 ސެޕްޓެމްބަރު 2025، 07:10

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފެލިދެއަތޮޅު ފުލިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ފެލިދެއަތޮޅު ފުލިދޫ މަދަރުސާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، އެރަށުގެ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން، ރަށް ގިރުމުގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމާއި، ޑޮލަރު އޭޓީއެމެއްގެ މުހިންމުކަން މެންބަރުން ފާހަގަކުރެއްވިއެވެ. އަދި މިއަދު ޢަމަލީ މަސައްކަތް ފެށިގެންދިޔަ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢާއެކު ލަފާ ފުރުމުގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. ހަމަ މިއާއެކު، ރަށުގެ ބިންހިއްކުމަށް މިހާރު ހެދިފައިވާ ކޮންސެޕްޓްގެ ޑިޒައިނަށް ބަދަލުގެނައުމަށް ވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، މިއަދު ޢަލަމީ މަސައްކަތް ފެށުނު، ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ފެށިގެން ދިއުމުން މިހާރު ރަށުގެ ޞިއްޙީ މަރުކަޒުގައި ހުރި މައްސަލަތައް ޙައްލުވެގެން ދާނެކަން ފާހަގަކުރައްވައި، ޞިއްޙީ މަރުކަޒަށް މުވައްޒަފުން އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ހަމަ މިއާއެކު، ސުކޫލުގެ މަލްޓި ޕާރޕަސް ހޯލްގެ މަސައްކަތް އަވަސް ކޮށްދެއްވުމަށާއި، ރަށުގެ ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ ވަޞީލަތް މަދުކަން ފާހަގަކުރައްވައި އެކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން