Ads by Stelco

ޚަބަރު

ވ. ފުލިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ވ. ފުލިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 ސެޕްޓެމްބަރު 2025، 06:00

19 ސެޕްޓެމްބަރު 2025، 06:00

ވ. ފުލިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ގެދޮރުވެރިކަމާ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. މި ރަސްމިއްޔާތުގައި ކެބިނެޓުގެ ވަޒީރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރާއި، ފުލިދޫ ކައުންސިލް މެންބަރުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މިއީ، 463.46 މިލިއަން ރުފިޔާއަށް 465 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން 79،933 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 300 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 439 މީޓަރު ގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 174 މީޓަރުގެ ޖިއޯ ޓިއުބް ރިވެޓްމަންޓް ޖެހުމާއި، 25 މީޓަރުގެ ގްރޮއިން ޖެހުމާއި، 77 މީޓަރުގެ ބޭރުތޮށިލުމާއި، 1،450 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، 6 މީޓަރު ދިގު 40 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ޖުމްލަ 521 މީހުންގެ އާބާދީއެއް އޮންނަ ފުލިދޫއަކީ، ފަތުރުވެރިކަމަށް މަޝްހޫރު ރަށެކެވެ. މި ރަށުގެ ބަނދަރު ކުޑަވުމުގެ ސަބަބުން، މުދާ އަރުވައި ބޭލުމަށާއި، އަރައިފޭބުމުގައި ބޮޑެތި ދަތިތަކެއް ދިމާވެއެވެ. މި ރަށުގައި މިއަދު ފެށި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ނިމުމާއެކު، ޖާގަ ތަނަވަސް ބަނދަރެއް ރަށު ރައްޔިތުންނަށް ލިބި، ލަފާފުރުމުގައާއި، މުދާ އަރުވައި ބޭލުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އުމްރާނީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ބޮޑެތި މަންފާތަކެއް ކުރާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ވ. ފުލިދޫގެ ރައްޔިތުންގެ އެދިލެއްވުމުގެ މަތިން، އެރަށުގައި ޖާގަ ތަނަވަސް ބޮޑު ބަނދަރެއް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން