ޚަބަރު
ނ. މަނަދޫގެ އައު ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ވުޒާރާ
ނ. އަތޮޅު މަނަދޫގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުމުގެ ގޮތުން އައު ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި، އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދުއެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، އާރުޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.
މިދިޔަ ޖުލައި މަހު ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު މަނަދޫއަށް ވަޑައިގެން، ރައްޔިތުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި، އެރަށުގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަ ޙައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އެގޮތުން، 10 ވަރަކަށް އަހަރު ވެފައިވާ ނަރުދަމާގެ މައްސަލައަށް އޮތް ޙައްލަކީ އައު ނަރުދަމާ ނިޒާމެއް ޤާއުމް ކުރެއްވުން ކަމަށާއި، މިކަމަށް ބޮޑު ހޭދައެއްކުރަން ޖެހުނަސް، ސަރުކާރުން މަނަދޫގައި އައު ނަރުދަމާ ނިޒާމެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، މަނަދޫގެ ނަރުދަމާގެ މަސައްކަތް ނިމެމުންދާ ވަރަކަށް އެރަށުގެ މަގު ހެދުމުގެ މަޝްރޫޢު ވެސް ކުރިޔަށްދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.