ޚަބަރު
ރައީސް ޔާމިން މިނިވަންކުރި ޙުކުމްގެ އިސްތިއުނާފުގެ އަޑުއެހުމެއް މިމަހު 29 އަށް ތާވަލުކޮށްފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމް. ފޮޓޯ: ސަން
ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ޙުކުމް ހައި ކޯޓުން ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އެންގި ނިންމުން ދައުލަތުން އިސްތިއުނާފު ކުރުމާ ގުޅިގެން، ސުޕްރީމް ކޯޓުން އެ މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 29 އަށް ތާވަލުކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ އެޖެންޑާގައިވާ ގޮތުން، މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 11:30 ގައެވެ. މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޢާއިޝާ ސުޖޫން މުޙައްމަދާއި، ފަނޑިޔާރު މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް އަދި ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް ޔާމީނަށް ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިއްވާފައިވެއެވެ. މި މައްސަލަ ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވުމުން، އެ ދެ ޙުކުމް ވެސް ހައި ކޯޓުން ވަނީ ބާތިލުކޮށް، އެ ދެ މައްސަލަ ވެސް އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ.
މި މައްސަލައިގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ތިން އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވެއެވެ. އެ ހުކުމް ވެސް ހައި ކޯޓުން ވަނީ ބާތިލުކޮށް، އެ މައްސަލަ އަލުން ބެލުމަށް އަންގާފައެވެ.
ޔޫސުފް ނައީމްގެ މައްސަލަ ވެސް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލަ ވެސް އެ ކޯޓުގައި ތާވަލުކޮށްފައި އޮތީ ޔާމީނުގެ މައްސަލައާ އެއް ވަގުތެއްގައި ކުރިއަށް ގެންދާ ގޮތަށެވެ.