ޚަބަރު
އެސްބީއައިން ނަގާފައިވާ 50 މިލިޔަން ޑޮލަރުގެ ޓީ ބިލް އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދީފި

މާލީ ވުޒާރާއާއި އިންޑިއަން ހައި ކޮމިޝަނާއިއެކު ބޭއްވުނު ބައްދަލުވުން: ފޮޓޯ: ވުޒާރާ
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ 50 މިލިޔަން ޑޮލަރުގެ ޓްރެޝަރީ ބިލު އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދީފިއެވެ.
މި ނިންމުން ނިންމާފައިވަނީ މާލީ ވުޒާރާއާއި އިންޑިއާ ހައިކޮމިޝަނާ ދެމެދު ބޭއްވުނު މުހިންމު ބައްދަލުވުމަކަށް ފަހުގައެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރާއި އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމާނިއަންގެ މެދުގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން މުރާޖަޢާކޮށް ހަރުދަނާކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ބައްދަލުވުމުގައި މާލީ ވުޒާރާގެ އިސްވެރިންނާއި، އިންޑިއާގެ ޖޮއިންޓް ސެކްރެޓަރީ ސޫޖާ ކޭ. މެނޮން އަދި އިންޑިއާގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މާލީ ވުޒާރާއިން ހާމަކުރި ގޮތުގައި، ސެޕްޓެމްބަރު 18 ގައި މުއްދަތު ހަމަވާން އޮތް 50 މިލިޔަން ޑޮލަރުގެ ޓްރެޝަރީ ބިލުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާކަން މި ބައްދަލުވުމުގައި ކަށަވަރުކޮށްދީފައިވެއެވެ. "މި ނިންމުމުން ހާމަވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ ދެމެހެއްޓެނިވި އިތުބާރާއި އެހީތެރިކަން" ކަމަށް މާލީ ވުޒާރާއިން ފާހަގަކުރިއެވެ.
މި ބައްދަލުވުމުގައި އިންޑިއާ ސަރުކާރުގެ ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މުހިންމު ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި މި މަޝްރޫޢުތައް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދެފަރާތުން އެއްބަސްވެފައިވެއެވެ.
މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އޮތް ފުރުޞަތުތަކާމެދު މަޝްވަރާކުރެވުނެވެ. ދާދި ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެ ޤައުމު ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް ފެށިފައިވާއިރު، އިޤްތިޞާދީ އަދި މާލީ ދާއިރާގެ އިތުރު އެއްބަސްވުންތަކެއްގައިވެސް ވަނީ ސޮއިކުރެވިފައެވެ.