ޚަބަރު
ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ދާއިރާ ހަރުދަނާކުރުމުގެ މުހިންމު ކަންތައްތަކެއް ސަރުކާރުން ފަށައިފައިވޭ: ވަޒީރު ނާޒިމް

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް. ފޮޓޯ: ވުޒާރާ
ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ދާއިރާ ހަރުދަނާކުރުމުގެ މުހިންމު ކަންތައްތަކެއް ސަރުކާރުން ފަށައިގަނެފައިވާކަމަށް ސިއްޙަތާއި ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ވަޒީރު ވިދާޅުވީ ސިއްޙީ ނިޒާމެއްގައި ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހަށްވުރެ ވަކި މުހިންމު ދުވަހެއް ނާންނާނެކަމަށެވެ. މިއަހަރުގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރުން ބާރުއަޅާފައިވަނީ ޚާއްސަކޮށް ކުޑަކުދިންނަށް އަދި އަލަށް އުފަންވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށެވެ.
"ދިވެހިރައްޔިތުންނަށް މިއަދުވެސް އަޅުގަނޑު ކަށަވަރުކޮށްދޭން ބޭނުންވަނީ މިއަދުގެ ސަރުކާރުން އެންމެ މުހިންމު އެއް ކަމެއްދެނީ ސިއްހީ ހިދުމަތްދިނުން ފުޅާކުރުމާއި، ސިއްހަތު ފެންވަރު ރަނގަޅުކުރުމާއި، ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމޭ،" ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން މިހާތަނަށް ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ލައިސެންސިންގ ސޮފްޓްވެއަރ އިފްތިތާހުކުރުމާއި، ޕޭޝަންޓް ސޭފްޓީ ޗެންޕިއަންސް ޓްރެއިނިންގ ޕްރޮގްރާމް ފެށުމާއި، ޕޭޝަންޓް ސޭފްޓީ ޕާތްވޭގެ މަސައްކަތްތައް ހިމެނެއެވެ.
އަދުގެ ސަރުކާރުން މިވީ މުއްދަތުގެ ތެރޭގައި ރަށްރަށުގެ ސިއްޙީ ޚިދުމަތް ކުރިއެރުވުމަށް 400 އަށްވުރެ ގިނަ މުވައްޒަފުންނާއި، މާލެ ސަރަޙައްދަށް 500 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ހޯދާފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ޞިއްޙީ ދާއިރާއަށް މުވައްޒަފުން ނެރެވުނު އެންމެ ބޮޑު އަދަދުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އައު ޚިދުމަތްތައް ތަޢާރަފުކޮށް އެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.