ޚަބަރު
ބައިނަލްއަޤުވާމީ ޤާނޫނުތައް ތަންފީޒުކޮށް އިސްރާއީލާއި ދެކޮޅާށް ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ބައްދަލުވުން، ފޮޓޯ: ރައީސް އޮފީސް

ފަރުދުން
15 ސެޕްޓެމްބަރު 2025، 09:20
15 ސެޕްޓެމްބަރު 2025، 09:20
ބައިނަލްއަޤުވާމީ ޤާނޫނުތައް ތަންފީޒުކޮށް އިސްރާއީލާއި ދެކޮޅާށް ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ ޤަތަރުގައި މިހާރު ކުރިއަށްދާ ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވި ބަޔާނުގައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަދުލު އިންސާފު ޤާއިމްކުރުމަށާއި، ޔަހޫދީ ދައުލަތުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކަށް ބައިނަލްއަޤްވާމީ ޤާނޫނޫތަކުގެ ތެރެއިން ފިޔަވަޅު އަޅައި، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައްވާފައެވެ. އަދި ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އަދި ޤައުމުތައް ގުޅިގެން ޔަހޫދީ ދަޢުލަތާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، އިސްރާއިލުން ދަނީ ފަލަސްޠީނުގެ ޑޮކްޓަރުންނާއި ނޫސްވެރިންނާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި އާންމުންގެ އެތައް ބަޔަކު އެއްވެސް ޖެހިލުމެއް ނެތި މަރާ، ޢައްޒާ އަޅިއަށް ހަދަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މިކަންކަމުގައި އިސްރާޢީލަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ވިދާޅުވީ، ޤަތަރުގެ ވެރިރަށް ދޯހާއަށް ޔަހޫދީ ދައުލަތުން ދިން ހަމަލާއަކީ މުޅި އިސްލާމީ އުއްމަތައް ދެވުނު ހަމަލާއެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ފަލަސްޠީނުގެ މައްސަލައިގައި ޤަތަރު އަދާކުރަމުންދިޔައީ ސުލްހަ ޤާއިމްކޮށްދިނުމަށް މެދުވެރިއެއްގެ ދައުރު ކަމަށެވެ. އަދި އެ ޤައުމުން ކުރަމުންދާ މަސައްކަތް ބަލައިގަނެ އަގުވަޒަން ކުރަން ޖެހޭ ކަމަށާއި، މިއީ މަސައްކަތާއި މެދު ނުރުހުންވެ އަނިޔާވެރިކަން އިސްކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.