ޚަބަރު
ޤަވާޢިދާ ޚިލާފަށް އުޅެމުން ދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ޤަވާޢިދާ ޚިޔާފަށް އުޅެމުން ދާ ބިދޭސީން ހޯދުމުގެ ތެރެއިން. ފޮޓޯ: އިމިގްރޭޝަން.

ފަރުދުން
13 ސެޕްޓެމްބަރު 2025، 10:41
13 ސެޕްޓެމްބަރު 2025، 10:41
މާލެ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް އުޅެމުން ދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން، ރޭ އިމިގްރޭޝަން ޓާސްކް ފޯސް އިން މާފަންނުގައި ހިންގި އޮޕަރޭޝަނެއްގައި 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
އިމިގްރޭޝަންގެ ޓާސްކް ފޯސް އިން ބަލައި ފާސްކޮށްފައިވަނީ، ބިދޭސީއަކު އިސްވެ ހުރެ، ޤަވާޢިދާ ޚިލާފަށް ހިންގަމުން ދިޔަ ކެފޭއެއް ކަމަށް އިމިގްރޭޝަންއިން މަޢުލޫމާތު ދެއެވެ. އެ ރެއިޑުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވުނީ، ޞައްޙަ ވިސާއެއް ނެތި އުޅެމުން ދިޔަ ބިދޭސީ 2 ފިރިހެނަކާއި ބިދޭސީ އަންހެނަކު ކަމަށް ވެސް އިމިގްރޭޝަނުން ހާމަކުރެއެވެ.
އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ އަމާޒަކީ ރާއްޖޭގައި ނާޖާއިޒު ގޮތުގައި އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމެވެ. އަދި ޢާންމު ޞިއްޙަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ފަރާތްތަކުގެ މައްސަލަތަކުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަކީ މި އޮޕަރޭޝަންތަކުގެ މަޤުޞަދެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ޞައްޙަ ވިސާ ނެތި، ވިޔަފާރިތައް ހިންގުމުގައި އުޅޭ ބިދޭސީން ދެނެގަތުމަށް ވެސް އިމިގްރޭޝަން ގެ ފަރާތުން ޚާއްޞަ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ.
ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖުމުލަ 2022 (ދެހާސް ބާވީސް) މީހުން އަނބުރާ ޤައުމަށް ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ. އަދި 17 ނޮވެމްބަރު 2023 އިން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 7635 (ހަތްހާސް ހަސައްތަ ފަންސަތިރީސް) މީހުން ޑީޕޯޓުކޮށްލާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ހާމަކުރެއެވެ.