ޚަބަރު
ރައީސްގެ ނިންމެވުމާއެކު މާލީ ގޮތުން ޖުޑިޝަރީއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ޙައްލު ހޯދޭނެ: ސުޕްރީމް ކޯޓު

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު
ޝަރުޢީ ދާއިރާގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށް ބްލޮކް ގްރާންޓް ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، މާލީ ގޮތުން ޖުޑިޝަރީއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ޙައްލު ލިބި، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް އަންނާނެ ކަމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޝަރުޢީ ދާއިރާއަށް ކަނޑައަޅުއްވައި، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު، މި ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުޑިޝަރީ ހަރުދަނާކޮށް، މިނިވަން ޖުޑިޝަރީއެއް ޤާއިމުކުރެއްވުމަށް އެޅުއްވި މުހިންމު ފިޔަވަޅެއްކަމަށް ސުޕްރީމް ކޯޓުން ފާހަގަކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ނިންމެވުމަކީ ދެމެހެއްޓެނިވި ނިންމެވުމަކަށް ހެއްދެވުމަށްޓަކައި ޤާނޫނީ ބާރުވެރިކަން ލިބިދެއްވުމުގެ މަސައްކަތް ފައްޓަވާފައިވާތީ، ދިވެހިރާއްޖޭގެ ޖުޑިޝަރީގެ ނަމުގައި ރައީސް ޑރ. މުޢިއްޒަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"މި ނިންމެވުން ހިމެނިގެންދާނީ ޖުޑީޝަރީ ދާއިރާގެ ކުރިއެރުމާއި މުސްތަގިއްލުކަން ދެމެހެއްޓެވުމަށް ނިންމެވި ތާރީޚީ މުހިންމު ނިންމެވުމެއްގެ ގޮތުގައި،" ސުޕްރީމް ކޯޓުން ވިދާޅުވިއެވެ.
އަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުގައި މި ގްރާންޓް ހިމަނުއްވައިދޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު، މި ނިންމެވުމުގެ ސަބަބުން މާލީ ގޮތުން ޖުޑިޝަރީއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ޙައްލު ހޯދުމަށް ފަސޭހަވެ، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް އަންނާނެކަމަށް ސުޕްރީމް ކޯޓުން އުއްމީދުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.