ޚަބަރު
ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޒުވާނުންނަށް އެވޯޑް ދިނުމަށް ބޭއްވި ހަފްލާއެއް. ފޮޓޯ: ޕީއެސްއެމް
ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.
މިއީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް، އެފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ.
މި އަހަރުގެ ޒުވާނުންގެ އެވޯޑު 14 ދާއިރާއަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ވިޔަފާރިއާއި އިޤްތިޞާދު، އާޓްސް އެންޑް ކަލްޗަރ، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން، ވޮކޭޝަނަލް ޓްރެއިނިންގ އަދި ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާ ހިމެނެއެވެ. މީގެއިތުރުން، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށްވެސް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިނާމު ލިބޭ ފަރާތްތަކަށް ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި ސެޓްފިކެޓް ލިބިގެންދާނެއެވެ. އަދި މި އިނާމަކީ ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގިދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ.
މި އިނާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ސެޕްޓެމްބަރު 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހޭނެއެވެ. އެޕްލިކޭޝަން ފޯމު ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާގެ ވެބްސައިޓުންނާއި، ސޯޝަލް ސެންޓަރ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށް އެޕްލިކޭޝަން ބަލައިގަނެވޭނެއެވެ.