ޚަބަރު
ރާއްޖޭގެ ހުރިހާ ރަށެއްގައި ފަތްކެޔޮ އާލާކުރުމަށް ސަރުކާރުން ޚާއްޞަ ޕްރޮގްރާމެއް!

ދޮންކެޔޮތަކެއް.

ފަރުދުން
11 ސެޕްޓެމްބަރު 2025، 03:14
11 ސެޕްޓެމްބަރު 2025، 03:14
ރާއްޖޭގައި ފަތްކެޔޮ އުފެއްދުން އިތުރުކޮށް، ބޭރުން އެތެރެ ކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤުޞަދަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ފަތްކެޔޮ އުފައްދާ މިންވަރު މިހާރަށް ވުރެ 50 އިންސައްތަ އިތުރުކުރުމެވެ. ޕްރޮގްރާމް ކުރިއަށް ދާނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.
މި މަޝްރޫޢުގައި ބައިވެރިވުމުގެ ފުރުޞަތު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކަށް ވަނީ ހުޅުވާލެވިފައެވެ. މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ކޮމިޓީތަކުން، އަންނަނިިވި ބައިތައް ހިމެނޭ ޕްލޭނެއް އެކުލަވާލައި، ދަނޑުވެރިކަމާ ބެހޭ ވުޒާރާއަށް ހުށަހަޅަންވާނެއެވެ:
1- މަސައްކަތުގެ ތާވަލު
2- 500 ފަތްކެޔޮ އިންދުމަށް އެންމެ އެކަށޭނެ ސަރަަޙައްދުގެ ތަފްޞީލު (ސަރަޙައްދުގެ ބޮޑުމިން، ސަރަޙައްދު ފާހަގަކޮށްފައިވާ ޗާޓު)
3- ފަތްކެޔޮ ދަނޑު ބެލެހެއްޓުމަށް ހަމަޖެހިފައިވާ ޕްލޭން
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ:
ވުޒާރާގެ ޒިންމާ:
-މުޑުވަށް ފޯރުކޮށްދިނުން
-ދަނޑަށް ބޭނުންވާ ގަސްކާނާ ފޯރުކޮށްދިނުން
-ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށްދިނުން
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޒިންމާ:
-ފަތްކެޔޮ އިންދުމަށް އެކަށޭނެ ބިން ހޯދުން
-ބިން ސާފުކުރުން
-މުޑުވައް އިންދުމަށް ބޭނުންވާ ވަޅުތައް ކޮނުން
-ހުށަހަޅާ ޕްލޭނާ އެއްގޮތަށް ދަނޑު ބެލެހެއްޓުން
ފަތުރުވެރިކަމުގެ ސިނާޢަތު ފުޅާވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ޢަދަދު އިތުރުވަމުން ދިއުމާއެކު، ރާއްޖެއަށް އެތެރެކުރާ ފަތްކޭލުގެ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާ ކަން ފާހަގަކުރެވެއެވެ. މި ޕްރޮގްރާމްގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭން ބޭރުން އެތެރެކުރާ ފަތްކޭލުގެ މިންވަރު 25 އިންސައްތައަށް ދަށްކުރުމަށް ވަނީ އަމާޒު ކަނޑައެޅިފައެވެ.
ޕްރޮގްރާމްގެ މައިގަނޑު ބައިތައް:
-މި ޕްރޮގްރާމްގެ ދަށުން، މީހުން ދިރިއުޅޭ ރަށްރަށުގެ ދަނޑުބިންތަކުން ފަތްކޭލަށް ޚާއްޞަ ސަރަޙައްދުތަކެއް ކަނޑައެޅުމާއި، ފުވައްމުލަކުގައި ޤާއިމްކުރާ ޤައުމީ ލެބޯޓްރީ ފެސިލިޓީގައި ހިމެނޭ ޓިޝޫކަލްޗަރ ލެބޯޓްރީގައި ފަތްކޭލުގެ މުޑުވައް އުފައްދައި، ލުއި އަގެއްގައި ދަނޑުވެރީންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
-ފަތްކެޔޮ ހައްދަން ޝަޢުޤުވެރިވާ ދަނޑުވެރީންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި، ފަތްކެޔޮ ނުވިކި ހަލާކުވާ މިންވަރު ދަށްކުރުމަށް "ވެލިޔު އެޑް" ކުރެވޭނެ ގޮތްތައް ތަޢާރަފު ކުރުމަށް ވެސް މި ޕްރޮގްރާމްގެ ދަށުން ވަނީ ރޭވިފައެވެ.
އަންހެނުންގެ ކޮމިޓީތަކުގެ ދައުރު
-މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ (ޑަބްލިއު.ޑީ.ސީ. ތަކާ) ގުޅިގެންނެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އާބާދުވެފައިވާ ކޮންމެ ރަށެއްގައި 500 ފަތްކެޔޮ އިންދުމަށް ވަނީ ހަމަޖެހިފައެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ފަތްކޭލުގެ މުޑުވައް، ގަސްކާނާ އަދި ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށްދޭނެއެވެ.
ފަތްކޭލަކީ ރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ހެއްދޭ، ރާއްޖޭގެ ދަނޑުވެރިން ޒަމާނުއްސުރެ ހައްދަމުން އަންނަ، އަދި ފަސޭހައިން ވިއްކާލެވޭ ބާވަތެއްކަން ފާހަގަކުރެވެއެވެ. މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި އުފައްދާ ފަތްކޭލުގެ ފެންވަރު މަތިވެ، އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.
މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޑަބްލިއު.ޑީ.ސީ. ތަކުން 25 ސެޕްޓެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކަމުގެ ޕްލޭން ދަނޑުވެރިަމުގެ ވުޒާރާއާ ޙިއްޞާކުރަން ވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ވުޒާރާގެ އެސިސްޓެންޓް އެގްރިކަލްޗަރ އޮފިސަރ ފާޠިމަތު ޔުސްރާ (3339263) އަށް ގުޅުއްވުމަށް ވުޒާރާއިން ވަނީ އިރުޝާދު ދީފައެވެ.
More info: https://t.co/gG7pljsFY3 pic.twitter.com/MpOs1LW1Ck
— Ministry of Agriculture and Animal Welfare (@MAAWmv) September 11, 2025