ޚަބަރު
މާލެ ސަރަހައްދުގައި %74.8 މީހުން ވަޒީފާ އަދާކުރާ ކަމަށް ދިރާސާއަކުން ދައްކައިފި

ޔޫއެން އިން ކުރިއަށްގެންދިޔަ ސަރވޭއެއްގެ ތެރެއިން ފޮޓޯ: ޔޫއެން
މާލެ ސަރަހައްދުގައި މަސައްކަތްކުރެވޭ އާބާދީގެ ތެރެއިން %74.8 މީހުން ވަޒީފާ އަދާކުރަމުންދާކަމަށް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިއަހަރުގެ ފުރަތަމަ ކުއާޓަރ (Q1) އަށް ނެރެފައިވާ ލޭބަރ ފޯރސް ސަރވޭ ރިޕޯޓުން ދައްކައިފިއެވެ. މި ދިރާސާއިން ދައްކާ ގޮތުގައި މާލެ ސަރަހައްދުގެ ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ މީހުންގެ ނިސްބަތް ވަރަށް ބޮޑެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ މި ރިޕޯޓުން ދައްކާގޮތުން، މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 15 އަހަރުން މަތީގެ މަސައްކަތްކުރެވޭ މީހުންގެ ޖުމްލަ އާބާދީއަކީ 187،390 އެވެ. މި އަދަދުގެ ތެރެއިން 127،696 މީހުންނަކީ ދިވެހިންނެވެ. އަދި ބިދޭސީންގެ އަދަދު ހުރީ 59،694 ގައެވެ.
މި މަސައްކަތްކުރެވޭ އާބާދީގެ ތެރެއިން 140،255 މީހުންނަކީ ވަޒީފާ އަދާކުރާ މީހުންނެވެ. މިއީ ޖުމްލަ އާބާދީގެ %74.8 އެވެ. އަދި 2176 މީހަކު ވަޒީފާއެއް ހޯދަމުންދާ ކަމަށްވެސް މި ރިޕޯޓުން ދައްކައެވެ. ވަޒީފާ ހޯދަމުންދާ މީހުންގެ ތެރެއިން ގިނައީ ދިވެހިންނެވެ. އެއީ 2064 ދިވެހިންނެވެ.
ވަޒީފާގައި ނޫޅޭ އެހެންނަމަވެސް ވަޒީފާ ހޯދަމުންދާ މީހުންގެ ތެރެއިން ގިނައީ އަންހެނުންނެވެ. އެގޮތުން 1101 އަންހެނުން ވަޒީފާ ހޯދަމުންދާކަމަށް ސަރވޭ ރިޕޯޓުން ދައްކައެވެ. މީގެ އިތުރުން 44،959 މީހުންނަކީ އެއްވެސް ވަޒީފާއެއް އަދާނުކުރާ މީހުންނެވެ. މިއީ މަސައްކަތްކުރެވޭ އާބާދީގެ %24 އެވެ. މި އަދަދުގެ ތެރެއިން 7،622 މީހުންނަކީ ވަޒީފާ އަދާކުރެވޭނެ ގާބިލްކަން ހުރި މީހުންކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މަސައްކަތްކުރެވޭ އާބާދީއަށް ބަލާއިރު ދިވެހި އަންހެނުންނަށްވުރެ ވަޒީފާ އަދާކުރާ ފިރިހެނުންގެ އަދަދު އިތުރުކަން މި ސަރވޭއިން ފާހަގަކޮށްފައިވެއެވެ. އެގޮތުން %77.5 ފިރިހެނުން ދަނީ ވަޒީފާ އަދާކުރަމުންނެވެ. އަދި %51.6 ދިވެހި އަންހެނުން ވަޒީފާ އަދާކުރަމުންދާކަމަށް ސަރވޭއިން ދައްކައެވެ.
މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯއިން ކުރިއަށްގެންދިޔަ މި ސަރވޭގެ މައިގަނޑު ބޭނުމަކީ، އިޤްތިޞާދީގޮތުން ހަރަކާތްތެރިވާ އާބާދީ ދެނެގަތުމާއި، ވަޒީފާގައި އުޅޭ މީހުންގެ ނިސްބަތް ދެނެގަތުމާއި، އަލަށް ވަޒީފާ އުފެދޭ މިންވަރު ދެނެގަތުމެވެ. މީގެ އިތުރުން ވަޒީފާގައި އުޅޭ އަދި ނޫޅޭ މީހުންގެ އާބާދީ ދެނެގަތުމާއި، ހިޖުރަކުރުމުގެ ރޭޓް ހޯދުމާއި އާބާބީގެ ޕްރޮޖެކްޝަންތައް އަޕްޑޭޓްކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަކީވެސް މި ސަރވޭގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.