ޚަބަރު
ސަޢުދީގެ އިސްލާމިކް ޔުނިވާސިޓީން ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފި

ސަޢުދީގެ އިސްލާމިކް ޔުނިވާސިޓީން ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ފޮތް ހަދިޔާ ކުރުން: ފޮޓޯ- އިސްލާމިކް މިނިސްޓްރީ

ފަރުދުން
08 ސެޕްޓެމްބަރު 2025، 03:55
08 ސެޕްޓެމްބަރު 2025، 03:55
ސަޢުދީ އަރަބިއްޔާގެ އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީން ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފިއެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ޔުނިވާސިޓީގެ ފަރާތުން ފޮތްތައް ހަވާލުކޮށްދެއްވީ ދިވެހިރާއްޖެއަށް ކަނޑަޅުއްވާފައި ހުންނަވާ ސަޢުދީ ސަފީރު، ޔަޙްޔާ ހަސަން އަލްޤަހްތާނީ އަދި އެ ޔުނިވާސިޓީގެ ޑިރެކްޓަރ ޑރ. ޞާލިޙް ބިން ސުލައިމާން އަލް ޢަރަޖާއެވެ. މި ފޮތްތަކާއި ވުޒާރާގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއީ އަޅުގަނޑުމެންގެ އަޚްވަންތަ ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ މުހިއްމު ކަމެއްކަމަށާއި އަދި މިއީ ދިވެހިރާއްޖޭގެ ޢިލްމު އުނގެނޭ ދަރިވަރުންނާއި ދިރާސާކުރާ ފަރާތްތަކަށް ޚިދުމަތްކުރުމަށާއި، ޢިލްމާއި މަޢުރިފާ އާލާކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެތްކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ސަޢުދީ ސަރުކާރުން ދިވެހިރާއްޖެއާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނަށް އަދި ސަޢުދީ ސަރުކާރަށާއި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. މި ރަސްމިއްޔާތުގައި އެ ޔުނިވާސިޓީގެ ފަރާތުން ވެދެއްވި ދީލަތި އެހީގެ އަގުވަޒަން ކުރައްވާ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ޚާއްޞަ ހަނދާނީ ލިޔުމެއް އެ ޔުނިވަރސިޓީއަށް އަރުވާފައިވެއެވެ.
މި ފޮތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށާއި އަދި މިއާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ރިޔާސީ ވަޢުދު ތަންފީޒު ކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަ ކޮށްފައި ވެއެވެ.