ޚަބަރު
ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވައިލުމުގައި ބައިވެރިވުމަކީ ބޭނުންތެރިކަމެއް ކަމަށް ނުދެކެން: އެމްޑީޕީ

އެމްޑީޕީގެ ޤައުމީ މަޖިލިސް: ފޮޓޯ- އެމްޑީޕީ

ފަރުދުން
08 ސެޕްޓެމްބަރު 2025، 10:40
08 ސެޕްޓެމްބަރު 2025، 10:40
ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތުގައި ބައިވެރިނުވާނެ ކަމަށް އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ބުނެފި އެވެ.
އެޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާކަމަށް ބަޔާންކޮށް، ނެކްސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެ ޕާޓީއާ ބައްދަލުކުރުމަށް އެދިފައިވާތީ، އެ ކުންފުންޏަށް ޖަވާބު ދީފައިވާނެ ކަމުގައެވެ.
އެގޮތުން، ދުރު ރާސްތާއަށް އަމާޒުކޮށްގެން އެކުލަވައިލާ، ޤައުމީ ތަރައްޤީގެ ޕްލޭނެއް އޮތުމަކީ ނުހަނު މުހިންމު ކަމެއްކަމަށް އެ ޕާޓީން ޤަބޫލުކުރާ ކަމަށްވެސް ބުނެފައި ވެއެވެ. އެހެން ނަމަވެސް، ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލުމުގެ ނަމުގައި، ސަރުކާރުން މިހާރު ކަންކަން ކުރަމުން ގެންދާ ގޮތާމެދު އިންތިހާއަށް ކަންބޮޑުވާކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.
އެމްޑީޕީން ބުނީ، ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވައިލަނީ ކުރިއަށް އޮތް 20 އަހަރަށް ކަމަށް ކަނޑައަޅައިފައި ވަނީ ކިހިނެތްކަމާއި، އެ ނިންމުން ނިންމުމުގައި މަޝްވަރާކޮށްފައި ވަނީ ކޮން ފަރާތްތަކަކާ ކަން އެނގެން ނެތް ކަމުގައެވެ. އެހެން ކަމުން ޕްލޭނެއް އެކުލަވައިލުމުގެ ބޭނުމެއް މިހާރު އޮތްކަމަށް އެ ޕާޓީން ނުދެކޭ ކަމަށާއި، އެކަމުގައި، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަކަށްވެސް ނުދެކޭ ކަމަށް ބުނެފައި ވެއެވެ.
އެމްޑީޕީން ބުނީ، ސަރުކާރުން ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތައް ޢަމަލުނުކުރުމާއި، ގުޑް ގަވަރނަންސްގެ އުސޫލުތަކާ ހިލާފަށް ކަންކަން ކުރަމުން ގެންދިޔުމާއި، އަދި ދައުލަތުގެ ނިޒާމުތަކަށް ހުރުމަތްތެރިކޮށް ނުހިތުން އާންމު ކަމަކަށް ވެފައިވާ ކަމަށާއި، ތިމާވެށި ހިމާޔަތްކުރުމުގެ ގަވާއިދުތައް ފަދަ، ކުރިންސުރެ އެކަށައަޅައިފައިހުރި ހަރުދަނާ އުސޫތައްވެސް ކުއްލިއަކަށް ބަދަލުކުރަމުންދާކަމަށެވެ. ކަން މިހެން އޮތް އިރު، އަލުން އެކުލަވައިލާ ޕްލޭނަކަށް ޢަމަލުކުރާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އެޕާޓީން ބުނެފައި ވެއެވެ.
އަދި މި ސަބަބުތައް އެ ގޮތަށް ހުރުމުން، މި ވަގުތު އެ ކަމުގައި ބައިވެރިވުމަކީ ބޭނުންތެރިކަމެއް ކަމަށް އެ ޕާޓީން ނުދެކޭކަމަށް ބުނެފައި ވެއެވެ. 20 އަހަރުގެ ތަރައްގީގެ ގައުމީ މާސްޓަ ޕްލޭން އެކުލަވާލުމުގެ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވބެ. މި މަސައްކަތް ފަށަން ކެބިނެޓުން ނިންމީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. ގައުމީ ތަރައްގީގެ ޕްލޭނަށް އާއްމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންސަލްޓެންސީ ފާމް ކަމަށްވާ ނެކްސިއާ މޯލްޑިވްސް އިން އިއްޔެ ވަނީ ރަށްރަށަށް ދަތުރުކުރަން ފަށައިފަ އެވެ. އަދި މީހުން ދިރިއުޅޭ 186 ރަށަކަށް މިއަހަރު ނިމުމުގެ ކުރިން 10 ޓީމަކުން ޒިޔާރަތްކޮށް، އާއްމުންނާއި ކަމާގުޅޭ ފަރާތްތައް އަދި ވިޔަފާރިވެރިންނާ ބައްދަލުކޮށް ހިޔާލު ހޯދާނެ އެވެ.