ޚަބަރު
ނިމިފައިވާ ފްލެޓްތަކަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކަން ހުޅުވާލައިފި

ފަހިދިރިއުޅުން ކޯޕަރޭޝަނުން އަޅަމުންދާ ފްލެޓްތަކުގެ ތެރެއިން ފްލެޓެއް.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން މަސައްކަތް ނިމިފައިވާ ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުޞަތު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުވާލައިފައެވެ.
އެފްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާރު އެ ކުންފުނިން ދަނީ ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ފްލެޓްތައް ހަވާލުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ނިންމުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
އެފްޑީސީން ހާމަކުރެއްވި ގޮތުގައި، ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ފަރާތްތަކުގެ ތެރެއިން، މަސައްކަތް ނިމިފައިވާ ފްލެޓްތަކުގެ ވެރިފަރާތްތަކަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމަށް މިހާރު ދަނީ އަންގަމުންނެވެ. މި ފައިސާ ދެއްކުމަށް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ފުރުޞަތު ދެވިފައިވާ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.
އެފްޑީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާތަނަށް 3,088 ފަރާތަކާއެކު އެއްބަސްވުން އެކުލަވާލަން ތާވަލުކޮށްފައިވާއިރު، މީގެ ތެރެއިން 3,032 ފަރާތަކާއެކު ވަނީ އެއްބަސްވުން އެކުލަވާލާފައެވެ. އެ ކުންފުނީގެ އަމާޒަކީ މި މަހުގެ ނިޔަލަށް 4,000 ފްލެޓް ލިބޭ އެންމެނާއެކު އެއްބަސްވުންތަކުގައި ސޮއިކޮށް ނިންމުމެވެ.
ސަރުކާރުން ކަނޑައަޅުއްވާފައިވާ ގޮތުން، 2 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15,000 ރުފިޔާ އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25,000 ރުފިޔާގެ ޑިޕޮސިޓް އެއްފަހަރާ ދައްކަންޖެހެއެވެ. ނަމަވެސް މި ފައިސާ ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ. ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނީ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ޔުޓިލިޓީ ޚިދުމަތްތަކަށް ރަޖިސްޓަރވެ، ޑިޕޮސިޓް ފައިސާ ދެއްކުމުންނެވެ.