ޚަބަރު
ޚިދުމަތް ކުރަން ދެއްވި ފުރުޞަތަށް ފަހުމީ ޝުކުރު އަދާކުރައްވައިފި

ހުސެއިން ފަހުމީ. ފޮޓޯ: ރައީސް އޮފީސް
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމުގައި ޚިދުމަތް ކުރަން ޙުސެއިން ފަހުމީއަށް ދެއްވި ފުރުޞަތަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވެވި ޕޯސްޓެެއްގައި ފަހުމީ ވިދާޅުވެފައިވަނީ 27 އަހަރު ވަންދެން ޚިދުމަތް ކޮށްދީފައިވާ ސްޓެލްކޯގެ އެންމެ އިސް މަޤާމުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ދެއްވި ކަމަށްޓަކައި ރައީސް މުޢިއްޒަށް ޚާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ.
މީގެއިތުރުން ސްޓެލްކޯގެ ކާމިޔާބީގެ ފަހަތުގައިވާ އެންމެ މުހިންމު ބައެއްކަމުގައިވާ އެގްޒެކެޓިވުންނާއި މުވައްޒަފުންގެ މިންނެތް މަސައްކަތާއި ވަފާތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ފަހުމީ ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެން އެންމެން ގުޅިގެން ހާސިލުކުރި ކާމިޔާބީތަކާމެދު އަޅުގަނޑު ވަރަށް ފަޚުރުވެރިވަން. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ސްޓެލްކޯއަށް އިތުރު ކުރިއެރުމާއި ކާމިޔާބީ އަދި ފާގަތިކަން ލިބެމުންދިއުމަށް އެދެން،" ފަހުމީ ވިދާޅުވިއެވެ.
ފަހުމީއަކީ ސްޓެލްކޯގައި 27 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެތެރޭގައި އެންމެ ފަހުން އަދާކުރެއްވި މަޤާމަކީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމެވެ.