ޚަބަރު
ފަތުރުވެރިކަމާ ގުޅުން ހުރި އިވެންޓްތައް ހިމަނައި ވިޒިޓް މޯލްޑިވްސްއިން "ދަ އިވެންޓްސް ކަލަންޑަރ" ތަޢާރަފްކޮށްފި

ވިޒިޓް މޯލްޑިވްސްގެ އިވެންޓެއް ކުރިއަށްދަނީ
ރާއްޖޭގައި ބާއްވާ ފަތުރުވެރިކަމާ ގުޅުންހުރި އިވެންޓުތައް ޕްރޮމޯޓުކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އައު ޕްލެޓްފޯމެއް ކަމަށްވާ 'ދަ އިވެންޓްސް ކަލަންޑަރ' ތަޢާރަފްކޮށްފިއެވެ.
މި ޕްލެޓްފޯމަކީ ރާއްޖޭގައި ކުރިއަށްގެންދާ އެކިއެކި ފެސްޓިވަލްތަކާއި، ކުޅިވަރު ހަރަކާތްތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި އަދި މައުރަޒުތަކުގެ މަޢުލޫމާތު އެއްތަނަކުން ފޯރުކޮށްދޭ ޕްލެޓްފޯމެކެވެ. ވިޒިޓް މޯލްޑިވްސްއިން ބުނާގޮތުގައި މި ކަލަންޑަރުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއާއި އިވެންޓު އިންތިޒާމުކުރާ ފަރާތްތަކަށް އިވެންޓުތައް ކުރިއާލާ ޕްރޮމޯޓުކޮށް، ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެއެވެ.
ދިވެހިރާއްޖޭގެ ޚާއްސަ ސިފަތަކާއެކު ފަރުމާކޮށްފައިވާ މި ކަލަންޑަރުގައި، ވިޒިޓް މޯލްޑިވްސްއިންނާއި، ރިސޯޓުތަކުންނާއި އަދި ރަށްރަށުން އަހަރުތެރޭގައި ރާވާފައިވާ ހަރަކާތްތަކުގެ މަޢުލޫމާތު ހިމެނޭނެއެވެ. މީގެ ތެރޭގައި ސަގާފީ ހަރަކާތްތަކާއި، ކުޅިވަރު މުބާރާތްތަކާއި، ވެލްނަސް ރިޓްރީޓްތަކާއި އަދި ކެއްކުމާއި ކާބޯތަކެތީގެ ފެއަރތައް ހިމެނެއެވެ.
މި ޕްލެޓްފޯމުގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ މަޝްހޫރު ޝެފުންގެ ރެސިޑެންސީތަކާއި، ރާޅާއެޅުމުގެ ފެސްޓިވަލްތަކާއި، ވެލްނަސް ރިޓްރީޓްތަކާއި އަދި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދުމަށް ހިންގޭ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ލިބެން ހުންނާނެއެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް ބޭނުންވާ ހަރަކާތްތަކާ ގުޅުމުގެ އިތުރުން، ހިލޭ ބައިވެރިވެވޭ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ފަސޭހައިން ހޯދޭނެއެވެ.
ވިޒިޓް މޯލްޑިވްސްއިން ވަނީ މި ކަލަންޑަރު އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ މަޢުލޫމާތު ހިއްސާކުރުމަށް، އެ ކޯޕަރޭޝަންގެ މެމްބަރުންނާއި، ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީ އުޅަނދު އޮޕަރޭޓަރުންނާއި، ރަށު ކައުންސިލްތަކާއި އަދި ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެހާ ބައިވެރިންނަށް ދަޢުވަތު އަރުވާފައެވެ.