Ads by Stelco

ޚަބަރު

އަލަށް އުފަންވާ ކުދިންނަށް ފަރުވާދޭ ނަރުހުން ތަމްރީނުކުރާ ކޮންފަރެންސެއް ބާއްވަނީ

އަލަށް އުފަންވާ ކުދިންނަށް ފަރުވާދޭ ނަރުހުން ތަމްރީނުކުރާ ކޮންފަރެންސެއް ބާއްވަނީ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އެންއައިސީޔޫގައި ތުއްތު ކުއްޖަކަށް ފަރުވާދެނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ސެޕްޓެމްބަރު 2025، 03:47

07 ސެޕްޓެމްބަރު 2025، 03:47

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަލަށް އުފަންވާ ކުދިންނަށް ފަރުވާދިނުމަށް ޚާއްސަ ނަރުހުން ތަމްރީނުކުރުމަށް ކޮންފަރެންސެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. 

މި ކޮންފަރެންސްގައި ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކެއްގެ އެންއައިސީޔޫގެ ނަރުހުން ބައިވެރިވާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

މިމަހުގެ 10 އަދި 11 ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގައި ރީޖަނަލް ހޮސްޕިޓަލްތަކުގެ އެންއައިސީޔޫގައި މަސައްކަތްކުރާ ނަރުހުންގެ ތެރެއިން 2 ނަރުހަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ދިރާސީ ކަރުދާސް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 5 ކަރުދާހެއް ވަނީ ހުށަހަޅާފައެވެ.

ކޮންފަރެންސްގައި މަޢުލޫމާތު ދެއްވާނީ ކުޑަކުދިންގެ ހިތުގެ ޚާއްސަ ޑޮކްޓަރުން، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން، އަދި ދުވަސް ނުފުރާ ވިހާ ކުދިންގެ ލޮލުގެ މައްސަލަތައް ދެނެގަތުމާ ގުޅޭގޮތުން ލޮލުގެ ޚާއްސަ ޑޮކްޓަރު ހިމެނޭ ޓީމަކުންނެވެ.

ރާއްޖޭގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާހުރި ނަރުހުން ޚިދުމަތުގައި ތިބިނަމަވެސް، އަލަށް އުފަންވާ ކުދިންނަށް ފަރުވާ ދިނުމަށް ޚާއްސަ ނަރުހުން ރާއްޖޭގައި ތަމްރީނުވެފައި ނެތުމަކީ ސިއްޙީ ދާއިރާގެ ބޭފުޅުންގެ ކަންބޮޑުވުމެކެވެ. މި ކޮންފަރެންސާ އެކު މާލެ އާއި އަތޮޅުތަކުގައި އެންއައިސީޔޫގައި މަސައްކަތްކުރާ ނަރުހުންނަށް އިތުރު ތަމްރީނު ލިބިގެންދާނެއެވެ.

މި ކޮންފަރެންސްގެ ސަބަބުން އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކާއި މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކުގެ އެންއައިސީޔޫގައި މަސައްކަތްކުރާ ނަރުހުންގެ މެދުގައި ވަރުގަދަ ނެޓްވޯކެއް ޤާއިމުކުރެވި، ދުވަސްނުފުރާ އުފަންވާ ކުދިންނަށް ދިމާވާ ކަންކަމުގައި މަޝްވަރާކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން