Ads by Stelco

ޚަބަރު

މި އަހަރުގެ ދުނިޔެ ސާފުކުރުމުގެ ދުވަހުގެ މައި އިވެންޓް ބ. ކަމަދޫގައި

މި އަހަރުގެ ދުނިޔެ ސާފުކުރުމުގެ ދުވަހުގެ މައި އިވެންޓް ބ. ކަމަދޫގައި

ބ. ކަމަދޫ ފޮޓޯ: ކަމަދޫ އިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ސެޕްޓެމްބަރު 2025، 12:53

07 ސެޕްޓެމްބަރު 2025، 12:53

ދުނިޔެ ސާފުކުރުމުގެ ދުވަހުގެ ރަސްމީ ބޮޑު ހަރަކާތް މިފަހަރު ބ. ކަމަދޫގައި ބޭއްވުމަށް ނިންމައި، އެކަމަށްޓަކައި ތައްޔާރީތައް ފަށާފައިވާކަން "ލެޓްސް ޑޫ އިޓް މޯލްޑިވްސް" އިން ހާމަކޮށްފިއެވެ. ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ދުނިޔެ ސާފުކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

މި ހަރަކާތް ބައިނަލްއަގްވާމީ ގޮތުން އިންތިޒާމުކުރަނީ "ލެޓްސް ޑޫ އިޓް" ޖަމިއްޔާއިންނެވެ. ރާއްޖޭގައި މި ހަރަކާތް އިންތިޒާމުކުރަނީ އެ ޖަމިއްޔާގެ ރާއްޖޭގެ ގޮފި "ލެޓްސް ޑޫ އިޓް މޯލްޑިވްސް" އިންނެވެ. ދުނިޔޭ ސާފުކުރުމުގެ ދުވަހުގެ މުނާސަބަތުގައި ބައިނަލްއަގްވާމީ ގޮތެއްގައި ކުރިއަށްގެންދާ މި ހަރަކާތަކީ، އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ނުކުމެ ސާފުކުރުމުގެ ހަރަކާތް ކުރިއަށްގެންދާ ދުވަހުގެ ގޮތުގައި ފާހަގަވެފައިވާ ދުވަހެކެވެ.

ކަމަދޫގައި ރަސްމީ ބޮޑު ހަރަކާތް ކުރިއަށް ދިއަޔަސް، ރާއްޖޭގެ ހުރިހާ ރަށެއްގައި އެދުވަހު ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ލެޓްސް ޑޫ އިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ. މި ހަރަކާތުގެ ތެރެއިން ރަށުތެރެއާއި މޫދު، އަދި ވަށައިގެންވާ ސަރަޙައްދު ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބ. ކަމަދޫއަކީ ބ. އަތޮޅުގައި އޮންނަ ގުދުރަތީގޮތުން ރީތި ރަށެކެވެ. އަދި، ލޯކަލް ޓުއަރިޒަމްގައި ވެސް ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ރަށެކެވެ. ކަމަދޫގައި ސާފުކުރުމުގެ ރަސްމީ ހަރަކާތް ބާއްވާއިރު، ބ. އަތޮޅަކީ އެންމެ ގިނަ ރިސޯޓުތައް އޮޕަރޭޓްކުރަމުން އަންނަ އެއް އަތޮޅު ވެސް މެއެވެ. މިފަދަ މުހިންމު ހަރަކާތެއް މި ރަށުގައި ބޭއްވުމަކީ، ތިމާވެށީގެ ސާފުތާހިރުކަން ކަށަވަރުކުރުމަށް ރަށްރަށުގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ރާއްޖޭގައި ކޮންމެ އަހަރަކު ވެސް މި ހަރަކާތް ކުރިއަށްގެންދާއިރު، މީހުން އުޅޭ ރަށްރަށާއި ރިސޯޓުތަކުގައި ވެސް އެ ހަރަކާތްތައް މީގެކުރިން ވަނީ ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައެވެ. މި އަހަރު ވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވެ، ރާއްޖޭގެ ރީތިކަން ދެމެހެއްޓުމަށް މަސައްކަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން