ޚަބަރު
ގެއްލުމުގައި ހިންގި އެސްޑީއެފްސީ މިސަރުކާރުން ފައިދާއަށް ބަދަލުކޮށްފި!

އެސްޑިއެފްސީ ފޮޓޯ:އެޑިޝަން
ކުރީ ސަރުކާރުން ފަސް އަހަރު ދުވަހު ގެއްލުމުގައި ހިންގި އެސްއެމްއީ ޑިވޮލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) 2024 ވަނަ އަހަރު 45 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފައިވާކަން، އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެއެވެ. ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ދެ އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށްފައިވާކަން ރިޕޯޓުން ވަނީ ހާމަވެފައެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިހާރު އާންމުކޮށްފައިވާ އެސްޑީއެފްސީގެ 2019 އިން 2023 ގެ އޮޑިޓް ރިޕޯޓުން މިކަން ހާމަވެފައިވާއިރު، މއިީ ރައްޔިތުންގެ މަޖިލީހުގެ އެދުމުގެމަތިން ކުރިއަށް ގެންދިޔަ އޮޑިޓެކެވެ.
މި ރިޕޯޓުން ދައްކާ ގޮތުގައި، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓްރީން އެސްޑީއެފްސީއަށް 1140 މިލިއަން ރުފިޔާ ދޫކޮށްފައިވާ ނަމަވެސް، އެ ފަސް އަހަރު ވެސް އެ ކުންފުނި ހިންގާފައި ވަނީ ބޮޑެތި ގެއްލުންތަކެއްގައެވެ. ހާއްސަކޮށް، 2022 ވަނަ އަހަރު އެ ކުންފުންޏަށް 76.11 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާއިރު، 2023 ވަނަ އަހަރު ވެސް 21.73 މިލިއަން ރުފިޔާގެ ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ނަމަވެސް، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ވެރިކަމަށް އައިފަހުން ފާއިތުވި ދެ އަހަރު ތެރޭގައި އެ ކުންފުނީގެ މާލީ ޙާލަތު ވަނީ ހަރުދަނާކޮށްފައެވެ. އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި، 2024 ވަނަ އަހަރު އެސްޑީއެފްސީން 45.21 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ހޯދާފައެވެ.
މީގެއިތުރުން، ފާއިތުވި ދެ އަހަރުތެރޭގައި އެ ކުންފުނީގެ މުދާ އިތުރުކޮށް، ދަރަނި ދަށްކާފައިވާކަން ވެސް ރިޕޯޓުން ދައްކައެވެ. އެގޮތުން، 2023 ވަނަ އަހަރު ނިމުނުއިރު 1082.66 މިލިއަން ރުފިޔާގައި ހުރި ކުންފުނީގެ މުދާ ނުވަތަ އެސެޓްސް، 2024 ވަނަ އަހަރު ނިމުނުއިރު 1771.60 މިލިއަން ރުފިޔާއަށް އިތުރުކުރެވިފައިވެއެވެ. އަދި ކުންފުނީގެ ދަރަނި، 2023 ވަނަ އަހަރު ނިމުނުއިރު 212.56 މިލިއަން ރުފިޔާގައި އޮތް ނަމަވެސް، 2024 ވަނަ އަހަރު ނިމުނުއިރު އެ އަދަދު 196.29 މިލިއަން ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ.
މި ރިޕޯޓުން އެސްޑީއެފްސީގެ މާލީ ހާލަތަށް މިސަރުކާރުން ގެނެސްފައިވާ ހެޔޮ ބަދަލުތައް ވަރަށް ސާފުކޮށް ފެނިގެންދެއެވެ.