Ads by Stelco

ޚަބަރު

ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ނިންމައިފި

ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ، ހދ.މަކުނުދޫ ރަށު ކައުންސިލް އަދި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން: ފޮޓޯ- ރައީސް އޮފީސް

farudhun logo

ފަރުދުން

06 ސެޕްޓެމްބަރު 2025، 10:50

06 ސެޕްޓެމްބަރު 2025، 10:50

ސަރުކާރުން ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް ފޯރުކޮށްދިނުމަށް ކަނޑައަޅުއްވާފައިވާ އުސޫލަށް ބަދަލު ގެންނަވާ، ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެހޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯރމިއުލާ ގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދު ކަމުގައެވެ.  ނަމަވެސް، އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދެއްނޫންކަން ރައީސް ފާހަގަ ކުރައްވާފައިވެއެވެ. 

އެހެން ކަމުން، ބްލޮކް ގްރާންޓު ގެ ފިސްކަލް ފޯރމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯރމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލު ކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާ އެކު ހުށަހެޅުމަށް ނިންމާފައިވާކަން އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ. 


ބްލޮކް ގްރާންޓަކީ ކައުންސިލްތަކުން ރަށްރަށުގެ ކުރިއެރުމަށް ކުރަން ބޭނުންވާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކައުންސިލްތަކަށް ސަރުކާރުން ކަނޑައަޅާ ބަޖެޓެވެ. ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް ބޮޑުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ބްލޮކް ގްރާންޓް ދިނުމުގައި ޢަމަލުކުރަމުންދާ އުޞޫލަށް ބަދަލުގެންނަވަން ނިންމެވިއިިރު ރަށްރަށުގެ އަންހެނުންގެ ކޮމިޓީ ތަކުގެ ގިނަ ދުވަސްވީ ޝަކުވާ ތަކަށްވެސް ވަނީ އެދެވޭ ބަދަލުތަކެއް ގެންނަވާފައެވެ. 

އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ 5% ދެގުނަ ބޮޑުކޮށް، %10 އަށް ބަދަލުކުރެއްވިއެވެ. ހަމަ އެއާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސެވުމަށްވެސް ރޭ ރައީސް ވަނީ ނިންމާވާފައެވެ. މި ބަދަލުތަކަކީ ގިނަ ރަށްރަށުގެ އަންހެނުންގެ ކޮމިޓީ މެމްބަރުންގެ އެދުމެކެވެ. މިބަދަލާއެކު ‏އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރިވެ، ރަށު ތަރައްޤީއަށް ކުރާ މަސައްކަތްތަަކަށް ހެޔޮ ބަދަލެއް އަންނާނެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން