ޚަބަރު
މާލީ ބަޔާން ހުށަނާޅުއްވާ މެމްބަރުންނަށް ނޯޓިސް ފޮނުވަން ފަށައިފި

ރައްޔިތުންގެ މަޖިލިސް. ފޮޓޯ: މަޖިލިސް އިދާރާ
މާލީ ބަޔާން ހުށަނާޅުއްވާ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނޯޓިސް ފޮނުވައިފިއެވެ.
މީޑީއަށް މަޖިލީހުގެ އިދާރާގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މާން އަސްއަދު ވިދާޅުވީ މި މަހުގެ އެއްވަނަ ދުވަހު ފޮނުވި ނޯޓިހުގައި މާލީ ބަޔާން ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން މިހާތަނަށް 88 މެންބަރުން ވަނީ މާލީ ބަޔާން ހުށަހަޅާފައެވެ. މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑިއަކީ އޮގަސްޓް 31 އެވެ. ނަމަވެސް ފަސް މެންބަރަކު އަދިވެސް ވަނީ މާލީ ބަޔާން ހުށަނާޅައެވެ.
މާލީ ބަޔާން ހުށަނާޅާ މެންބަރުންގެ ތެރޭގައި ހިމެނެނީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު، މައްޗަންގޮޅި މެދު ދާއިރާ މެންބަރު އަހުމަދު ޞަމީރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހީމް، ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހީން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 77 ވަނަ މާއްދާގައިވާ ގޮތުން، މާލީ ބަޔާން ހުށަހެޅުމަށް ދެވޭ އިތުރު 15 ދުވަހުގެ މުއްދަތުގައިވެސް ހުށަނާޅައިފިނަމަ، އެ މެންބަރެއްގެ ނަން މަޖިލީހުގެ ޖަލްސާއެއްގައި އިއްވައި، ތަޅުމުން ނެރެންޖެހޭނެއެވެ.