ޚަބަރު
ސިވިލް މުވައްޒަފުން ރިޓަޔަރކުރާއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރި މުއްދަތު ހިމަނަނީ

ގިނަ ޢަދަދެއްގެ ސިވިލް ސާވެންޓުން މަސައްކަތް ކުރާ ވެލާނާގޭގެ ބޭރުގައި ބައެއް ސިވިލް ސާވެންޓުން. ފޮޓޯ: މިހާރު
ސިވިލް ސަރވިސް މުވައްޒަފުން ރިޓަޔަރކުރާއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރި މުއްދަތު ހިމެނުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
މި ނިންމުން ވަނީ ބުދަ ދުވަހު އާންމުކުރި ސަރކިއުލާއެއްގައި އިއުލާނުކޮށްފައެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ނެރުނު ސަރކިއުލާގައި ބަޔާންކޮށްފައިވާ ގޮތުން، މުވައްޒަފުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރާއިރު ޚިދުމަތުގެ މުއްދަތު ގުނުމުގެ އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ. މި ބަދަލާއެކު، ދައުލަތުގެ އެހެން މުއައްސަސާތަކުގައި ކުރިން ޚިދުމަތްކޮށްފައިވާ މުއްދަތުވެސް މުސްކުޅި ކުރުމުގެ މުއްދަތު ގުނުމުގައި ހިމެނޭނެއެވެ.
ކޮމިޝަނުން ހާމަކުރި ގޮތުގައި، ދައުލަތުގެ އެހެން މުއައްސަސާތަކުގެ ތެރޭގައި ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތައްވެސް ހިމެނޭނެއެވެ. މީގެ ތެރޭގައި އެސްޓީއޯ، އެމްޓީސީސީ، އެޗްޑީސީ، އެމްއޭސީއެލް އަދި އާރުޑީސީ ފަދަ ކުންފުނިތަކުގައި ޚިދުމަތްކޮށްފައިވާ މުއްދަތު ހިމެނޭނެއެވެ.
މި ބަދަލާ ގުޅިގެން، މިހާރު ސިވިލް ސަރވިސްގެ ވަޒީފާގައި ތިބި މުވައްޒަފުންގެ ތެރެއިން ދައުލަތުގެ އެކި މުއައްސަސާތަކާއި ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތަކުގައި ވަޒީފާ އަދާކޮށްފައިވާ ފަރާތްތަކުން އެކަން އަންގަން ޖެހޭނެއެވެ. މި މަޢުލޫމާތު ސީއެސްވިއުގައިގެ "އެކްސްޕީރިއަންސް" ބައިގައި އަދާހަމަ ކުރަންވާނީ މުވައްޒަފު ވަޒީފާ އަދާކުރާ އިދާރާ މެދުވެރިކޮށެވެ.
މީގެއިތުރުން، ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އެ ކޮމިޝަނާއި ކޮމިޝަނުގެ އިދާރާތަކާ ގުޅޭ ޝަކުވާތަކާއި މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭނެ ނިޒާމެއްވެސް ޤާއިމްކޮށްފައެވެ. އީ-ފާސް އެކައުންޓް މެދުވެރިކޮށް ވަދެވޭ "މައިއެކައުންޓް" އިން މިހާރު ކޮންމެ ފަރާތަކަށްވެސް ޝަކުވާ ހުށަހެޅި، އޭގެ ޕްރޮގްރެސް ބެލޭނެއެވެ.