ޚަބަރު
ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރާނަން: ފުލުހުން

ވެލިދޫ އިސްރަށްވެހިންނާ ފުލުހުން ބައްދަލުކުރުން

ފަރުދުން
04 ސެޕްޓެމްބަރު 2025، 11:11
04 ސެޕްޓެމްބަރު 2025، 11:11
ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާ ގާތުން ފެށިގެން އަންނަ ޚިދުމަތެއް ކަމަށާއި، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން، ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝަހީމްއާއި، ޗީފް އިންސްޕެކްޓަރ އޮފް ފޮލިސް ޢާއިޝަތު ނިޝާ ޢަބްދުﷲ މުފީދު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނަށް އަމާން ރައްކާތެރި މުޖުތަމައެއް ހޯދައިދިނުމަށް ކުރިއަށް އޮތްތަނުގައި ވެސް ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމައަށް ހިފާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝަހީމް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ އަދި މިހާރު ވެސް 144 ރަށެއްގައި ފުލުހުންގެ ޚިދުމަތް ދެމުންގެންދާކަމަށެވެ. އަދި ފުލުހުން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންނާ ވީހާވެސް ގާތުން ކަމަށް ވިދާޅުވިއެވެ. އަދި މުސްތަގުބަލުގައި ފުލުހުންގެ ހިދުމަތްތައް ބައްޓަންކުރާއިރު ހަމައެކަނި ތަމްރީނުތަކެއް ހަދައިގެން ޓެކްނޮލޮޖީ ބޭނުންކުރާ ބަޔަކަށް ނުވާނެކަމަށާއި، ރައްޔިތުންނަށް އޯގާތެރި ރައްޔިތުންގެ އިހުސާސްތައް ދަންނަ ބަޔަކަށް ވުމަށް އަދިވެސް އިތުރަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.
ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ފޮލިސް ޢާއިޝަތު ނިޝާ ޢަބްދުﷲ މުފީދު ވިދާޅުވީ، ސައިބަރ ކްރައިމްއާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ސައިބަރއަށް ޚާއްޞަ ޑިޕާޓްމަންޓެއް ގާއިމުކުރެވިފައިވާ ކަމަށާއި، ސައިބަރ ސެކިއުރިޓީ ސެންޓަރެއް ވެސް މިހާރު ގާއިމުކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ނުވަތަ އެފަދަ ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު ސައިބަރގެ ތަހުގީގުތައް އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ސައިބަރ ކްރައިމް ހިންގަނީ ރާއްޖޭގައި އެކަނި ނޫންކަމަށާ، އެއީ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ވެސް ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިއެވެ. އެހެންކަމުން ބެލެނިވެރިން ވެސް ކުދިންނަށް ފޯރުކޮށްދޭ އިންޓަނެޓް އަދި ފޯނަކީ ރައްކާތެރި ގޮތުގައި ބޭނުންކުރާ ވަސީލަތްތަކެއްތޯ ކަށަވަރުކުރުމަށް އިލްތިމާސްކުރެއްވިއެވެ.