Ads by Stelco

ޚަބަރު

5 އަތޮޅެއްގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ ދިރާސާތަކުގެ މަސައްކަތް މި މަހު ފަށަނީ

5 އަތޮޅެއްގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ ދިރާސާތަކުގެ މަސައްކަތް މި މަހު ފަށަނީ

އާރްޓީއެލް ފެރީ. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ސެޕްޓެމްބަރު 2025، 10:50

03 ސެޕްޓެމްބަރު 2025، 10:50

އިތުރު 5 އަތޮޅެއްގައި ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ފެރީގެ ޚިދުމަތް ފެށުމަށްޓަކައި ހަދަންޖެހޭ ދިރާސާތަކުގެ މަސައްކަތް މި މަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެއްގެ ދަށުން، މި އަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް އާރުޓީއެލް ހައި ސްޕީޑް ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މިއީ ކަނޑުމަގުން ދަތުރުފަތުރު ކުރުމުގެ ނިޒާމު ފުޅާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ފަހިކޮށްދިނުމަށް ފަށާފައިވާ މަޝްރޫޢެކެވެ.

ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، އާރުޓީއެލް ފެރީގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން ޒޯން 4 ގައި ޚިދުމަތް ފެށުމަށްޓަކައި ހަދަންޖެހޭ ދިރާސާތައް ކުރިއަށްގެންދިއުމަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) އާއެކު މަޝްވަރާކޮށްފައިވެއެވެ. މި ދިރާސާތަކުގެ ތެރޭގައި ހިމެނޭ ބޭސްލައިން ސަރވޭ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހާއި އަންނަ މަހުގައެވެ.

އާރުޓީއެލް ޒޯން 4 ގައި ހިމެނެނީ މ. އަތޮޅު، ފ. އަތޮޅު، ދ. އަތޮޅު، ތ. އަތޮޅު އަދި ލ. އަތޮޅެވެ. މި ޚިދުމަތް ފޯރުކޮށްދެނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ގުޅިގެންނެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، އިތުރު އަތޮޅުތަކުގައި އާރުޓީއެލްގެ ޚިދުމަތް ފެށުމަށްޓަކައި 56 އުޅަނދު ބޭނުންވާކަމަށާއި، މި އުޅަނދުތައް ބަނުމުގެ މަސައްކަތް މިހާރު ވަނީ ހަވާލުކޮށްފައެވެ. މިހާރު އާރުޓީއެލްގެ ޚިދުމަތް ވަނީ 11 އަތޮޅެއްގައި ޤާއިމުކޮށްފައެވެ. އަދި ޒޯން 4 ގައި ހިމެނޭ އަތޮޅުތަކުގައި ޚިދުމަތް ފެށުމުން ބާކީ އޮންނާނީ 4 އަތޮޅެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން