ޚަބަރު
ފަލަސްތީނުގެ ރައްޔިިތުންނަށް އިންސާފާއި, އިންސާނީ ކަރާމާތާއި، ސުލްހަ ޤާއިމުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު "އެސް.ސީ.އޯ ޕްލަސް" ބައްދަލުވުމުގައި: ފޮޓޯ- ރައީސް އޮފީސް

ފަރުދުން
02 ސެޕްޓެމްބަރު 2025، 11:47
02 ސެޕްޓެމްބަރު 2025، 11:47
ފަލަސްތީނުގެ ރައްޔިިތުންނަށް އިންސާފާއި، އިންސާނީ ކަރާމާތާއި، ސުލްހަ ޤާއިމުކޮށްދިނުމަށް ވަކާލާތުކުރުމުގައި ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވި "އެސް.ސީ.އޯ ޕްލަސް" ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށާއި އ.ދ.ގެ މެންބަރެއްގެ ގޮތުގައި 60 އަހަރު ފާހަގަކުރާ އަހަރުކަމަށާއި، 1965ގައި ދިވެހިރާއްޖެއިން ވަކާލާތުކުރި ސުލްހައާއި، މަޝްވަރާއާއި، ޑިޕްލޮމަސީގެ އުސޫލުތަކަށް އަދިވެސް ވަކާލާތުކުރައްވަމުން ގެންދަވާނެކަމުގައި ވިދާޅުވިއެވެ.
އަދި، ފަލަސްޠީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ނިކަމެތި ހާލަތާއިމެދު ދިވެހިރާއްޖެއިން ކަންބޮޑުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންދަވަނީ، ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުން ޤަވާއިދާ ޚިލާފަށް ދެމިތިބެ، ފަލަސްޠީނުގެ ރައްޔިތުންނާއި މެދު ހިންގަމުންގެންދާ ލާއިންސާނީ، އަނިޔާވެރި ޢަމަލުތައް ކުށްވެރިކުރައްވައި، އެފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކާއި ޚިލާފުކަމެއްކަން ތަކުރާރުކުރައްވައި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރައްވައި އަޑުއުފުއްލަވަމުންނެވެ.
ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެޤައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް، ކުރައްވާ ދަތުރުފުޅެކެވެ.