ޚަބަރު
ސަރުކާރު ހަމަމަގަށް އެޅުވުމުގެ ނަމުގައި އެމްޑީޕީން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަން ނިންމައިފި

އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން. ފޮޓޯ- އެމްޑީޕީ

ފަރުދުން
02 ސެޕްޓެމްބަރު 2025، 11:27
02 ސެޕްޓެމްބަރު 2025، 11:27
ސަރުކާރު ހަމަމަގަށް އެޅުވުމުގެ ނަމުގައި އެމްޑީޕީން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަން ނިންމައިފިއެވެ.
އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް ކުރަން ނިންމައިފިއެވެ. ރޭ ބޭއްވި ކުއްލި ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އެ ޕާޓީގެ މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތާރިގު ހުށަހެޅުއްވި ގަރާރުގައި ވަނީ ކަންކަން ގޯހުން ގޯހަށް ދާތީ އެކަން ހަމައަކަށް އެޅުވުމަށް އެ މަސައްކަތް ކާމިޔާބުވުމާ ހަމަޔަށް ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ޕާޓީގެ ގައުމީ މަޖިލީހުން އިގުރާރުވާ ކަަމުގައެވެ.
އެޕާޓީގެ ޤައުމީ މަޖިލީހުން ހުށަހަޅާފައިވާ ޤަރާރުގައިވާ ގޮތުން މި މުޒާހަރާތަކަކީ މިނިވަން މީޑިއާ ނައްތާލުމަށް މަސައްކަތް ކުރާތީއާއި ސަރުކާރުން ވަމުންދާ ޚިޔާނާތް ހުއްޓުވުމުގެ މަޤުސަދުގައި ކުރާ މުޒާހަރާތަކެކެވެ. މީގެ އިތުރުން މިނިވަން މުވައްސަސާތައް ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް ގެނައުމަށް ގާނޫނުއަސާސީއަށް ބަދަލު ގެނެސް، ލާމަރުކަޒީ ނިޒާމު ފުނޑާލައި، ކައުންސިލުތަކުގެ ބާރު ކަނޑުވާލުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ބޭނުންކޮށްގެން ރައްޔިތުންގެ ފައިސާއިން ހިޔާނާތްތެރިވެފައިވާތީ ކަމަށްވެސް ޤަރާރުގައި ވެއެވެ.
މީގެ އިތުރުން، ރައްޔިތުންގެ އަސާސީ ހައްގުތަކަށް ގެއްލުވާލާ ކޮންމެ ފަހަރަކު އެ ހައްގު ހޯދައި ގައުމު ހަމަ މަގަށް އެޅުވުމަށް ނުކުންނަނީ އެމްޑީޕީ ކަމަށްވާތީ އާއި، މިއީ ވެސް ސަރުކާރު ހަަމަ މަގަށް އެޅުވުމަށް ފާޅުގައި ނިކުންނަންޖެހޭ ދަނޑިވަޅު ކަމަށް ދެކޭތީ ކަމަށްވެސް އެޤަރާރުގައި ބުނެފައި ވެއެވެ.
މި ގަރާރު އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ ތާއީދާއެކު އެވެ.