Ads by Stelco

ޚަބަރު

ދިއްދޫގައި ޤާއިމްކުރަމުންދާ އިސްލާމީ މަރުކަޒުގެ މަސައްކަތް އޮކްޓޯބަރު މަހު ނިންމަނީ

ދިއްދޫގައި ޤާއިމްކުރަމުންދާ އިސްލާމީ މަރުކަޒުގެ މަސައްކަތް އޮކްޓޯބަރު މަހު ނިންމަނީ

ދިއްދޫގައި ޤާއިމްކުރާ އިސްލާމީ މަރުކަޒު. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ސެޕްޓެމްބަރު 2025، 03:44

01 ސެޕްޓެމްބަރު 2025، 03:44

ހއ. ދިއްދޫގައި ސަރުކާރުން ތަރައްޤީކުރަމުންދާ އިސްލާމީ މަރުކަޒުގެ މަސައްކަތް އޮކްޓޯބަރު މަހުގެ މެދުތެރެއަށް ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.

1500 މީހުންނަށް ނަމާދުކުރެވޭ ޖާގައާއެކު ތަރައްޤީކުރަމުންދާ މި މަރުކަޒުގެ މަސައްކަތުގެ 99 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މިވަގުތު ކުރިއަށްދަނީ މިސްކިތުގެ އެތެރޭގެ ފިނިޝިން މަސައްކަތްތަކާއި، ފަރުނީޗަރާއި އައިޓީ އިކުއިޕްމަންޓްސް ހޯދުމުގެ މަސައްކަތްތަކެވެ. އަދި މަރުކަޒުގައި ޤާއިމްކުރާ ލައިބްރަރީއަށް ފޮތް ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

50 މިލިއަން ރުފިޔާގެ އަގުގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 4 ކްލާސްރޫމް ވަނީ ތަރައްޤީކޮށްފައެވެ. މީގެއިތުރުން 2 ސެމިނަރ ރޫމާއި އިސްލާމިކް ލައިބްރަރީއަކާއި އޮފީސް ޖާގަވެސް މި މަރުކަޒުގައި ހިމެނެއެވެ.

7000އެއްހާ މީހުން ދިރިއުޅޭ ދިއްދޫގައި މިވަގުތު 6 މިސްކިތުގައި ނަމާދުކުރަމުންދާއިރު، ހުކުރު ނަމާދު އަދާކުރެވެނީ 3 މިސްކިތެއްގައެވެ. އަލަށް ތަރައްޤީކުރާ އިސްލާމީ މަރުކަޒު ހުޅުވުމުން، މިސްކިތުގެ ޖާގައިގެ މައްސަލަ ހައްލުވެ، ޚާއްޞަކޮށް ރަށުގެ އަލަށް ހިއްކި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދެއް ވަނީ މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. އަދި އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން މަސައްކަތް ނިންމުމަށް ވަނީ ރޭވިފައެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން