ޚަބަރު
މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 9 އިންސައްތަ އިތުރުވެއްޖެ

ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް. ފޮޓޯ: އިންޓަރނެޓް
މިދިޔަ އޮގަސްޓް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، 2022 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 9 އިންސައްތަ އިތުރުވެއްޖެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޮގަސްޓް މަހު ރާއްޖެއަށް 192،058 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މިއަހަރުގެ އޮގަސްޓް މަހު އެވްރެޖްކޮށް ދުވާލަކު 6،195 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، އަހަރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި ޖުމްލަ 1،486،926 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.4 އިންސައްތައިގެ ކުރިއެރުމެކެވެ.
މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން 235،245 ފަތުރުވެރިން ޗައިނާއިން ޒިޔާރަތްކޮށްފައިވާއިރު، ރަޝިއާއިން 177،581 ފަތުރުވެރިންނާއި، އިނގިރޭސިވިލާތުން 134،114 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މީގެއިތުރުން އިޓަލީވިލާތުން 106،230 ފަތުރުވެރިންނާއި ޖަރުމަނުވިލާތުން 102،496 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ފާއިތުވި 8 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 73.4 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 21.9 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. މީގެއިތުރުން 2.6 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ހޮޓާތަކުގައެވެ.
މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް 1،250 ތަނެއް އޮޕަރޭޓްކުރަމުންދާއިރު، މި ތަންތަނުގައި ޖުމްލަ 64،394 އެނދު ހިމެނެއެވެ. ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ކަމަށާއި، މި އަމާޒު އަހަރު ނިމުމުގެ ކުރިން ހާސިލްވާނެ ކަމަށް ސަރުކާރުން ލަފާކުރައްވައެވެ.