ޚަބަރު
ވަޒީރުގެ އިލްތިމާސް: ދިވެހި ފުލުހުންނަކީ ޔުނިފޯމާއި މުއައްސަސާގެ ކަރާމާތް ހިފަހައްޓާ ބަޔަކަށް ވާންވާނެ

40 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން: ފޮޓޯ- ފުލުހުން

ފަރުދުން
31 އޯގަސްޓު 2025، 10:14
31 އޯގަސްޓު 2025، 10:14
ދިވެހި ފުލުހުންނަކީ ފުލުހުންގެ ޔުނިފޯމާއި މުއައްސަސާގެ ކަރާމާތް ހިފަހައްޓާ ބަޔަކަށް ވުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އިލްތިމާސް ކުރައްވައިފިއެވެ.
40 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ، ފުލުހުންގެ ޔުނިފޯމާއި މުޢައްސަސާގެ ކަރާމާތް ހިފެހެއްޓުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ. މީގެ އިތުރުން ފުލުހުންގެ ކޮންމެ އޮފިސަރަކީ ނަޒާހަތްތެރިކަމާއެކީ މަސައްކަތްކުރާ އޮފިސަރަކަށް ވާންޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވެފައި ވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަބަދުގެ އަބަދަށް ބެލެހެއްޓުމަކީ ފުލުހުންގެ އެންމެ މަތީ އަމާޒުކަމުގައި އަބަދުވެސް ވާންޖެހޭނެ ކަމުގައެވެ. އެގޮތުން، ޔުނިފޯމުގަ ޤައުމަށް ޚިދުމަތް ކުރުމަކީ އާދައިގެ ކަމެއްނޫންކަމަށާއި، ފުލުހުންގެ ޚިދުމަތަށް ޚިދުމަތް ކުރެވޭނީ ޤައުމަށް އޮންނަ ލޯތްބާއި އާންމު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ވިސްނުން ހުރެގެން ކަމަށްވެސް ވަޒީރުގެ ވަހާކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
ފުލުހުންގެ ޚިދުމަތަކީ ޤައުމެއް ކުރިއަށްދިޔުމަށް އެ ޤައުމެއްގަ އޮންނަން ޖެހޭ މުހިންމު އަސާސްތަކެއް ހިފަހައްޓާ ޚިދުމަތެއް. އެގޮތުން ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަމާއި ޤައުމެއްގައި އޮންނަން ޖެހޭ ހަމަޖެހުން ހިފެހެއްޓުމުގެ ފުރިހަމަ ޒިންމާ މި އޮންނަނީ ފުލުހުންގެ ކޮނޑުގައި އެޅިފަ. ރާއްޖޭގެ ފުލުހުންނަކީވެސް ރާއްޖޭގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން އަދި ރައްޔިތުންގެ މުދަލާއި، ރައްޔިތުން އުޅޭ އުޅުމުގެ ރައްކާތެރިކަން ކަށަވަރުކުރާ ފަރާތް.
-ވަޒީރު
ވަޒީރު އިތުރަށް ވިދާޅުވީ ފުލުހުން އަބަދުވެސް މަސައްކަތް ކުރަންވާނީ އިޙްތިރާމާއި ހިނިތުންވުމާއެކީ ޚިދުމަތްދޭ ބަޔަކަށް ވުމަށް ކަމަށެވެ. މީގެ އިތުރުން ކުށަށް އަރައިގަންނަ ހާލަތްތަކުގަ ނުވަތަ ޤާނޫނާ ޚިލާފުވާ ހާލަތްތަކުގަވެސް ފުލުހުންގެ ޤާނޫނީ ދައުރު އަދާކުރަންވާނީ އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށްކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތް ތަރުތީބުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމުގައެވެ. އެގޮތުން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ލިބޭނެ ގޮތަށް މިހާރު ހިންގަމުންދާ ޕްރޮޖެކްޓަކީ މީގެ އެއް ނަމުނާކަން ވަޒީރު ފާހަގަ ކުރައްވާފައި ވެއެވެ.
ފުލުހުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރގެ މުހިންމު މަސައްކަތްތަކެއް މިވަގުތު ކުރިއަށްއެބަދޭ. މި ހުރިހާ މަސައްކަތްތަކެއް ރައީސް ކުރައްވަމުން އެ ގެންދަވަނީ ރައްޔިތުންނަށް އެންމެ އެދެވެފޭދަ ޚިދުމަތެއް ތިޔަ ފުލުހުންގެ ފަރާތުން ހޯދައިދިނުމަށް.
ވަޒީރު
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ދ. ވާނީގައި ކުރިއަށް ގެންދިޔަ ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯހުގައި، 97 ފިރިހެން ފުލުހުންނާއި 41 އަންހެން ފުލުހުންނާއެކު ޖުމްލަ 138 ފުލުހުން ބައިވެރިވެފައިވެއެވެ. އަދި 116 ފުލުހުން ފާސްވެ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެއެވެ. ދ. ވާނީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އިސްވެރިންނާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން ޤައުމުތަކުގެ ސަފީރުންނާއި ދަސްވެނިވި ފުލުހުންގެ އާއިލާތަކުން ބައިވެރިވެފައި ވެއެވެ.