ޚަބަރު
ޗައިނާއިން ރައީސް މުޢިއްޒަށް ހޫނު މަރުޙަބާއެއް ދަންނަވައިފި

ރައީސް މުޢިއްޒު ޗައިނާއަށް ވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް
ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޗައިނާއަށް ވަޑައިގަތުމުން، އެ ޤައުމުން އެ މަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް ވަޑައިގެންނެވި މި ދަތުރުފުޅުގައި، ބެއިޖިންގ ކެޕިޓަލް އިންޓަރނޭޝަނަލް އެއަރޕޯޓުގައި ރައީސް މުޢިއްޒަށް މަރުޙަބާ ދެންނެވީ ޗައިނާގެ މިނިސްޓަރ އޮފް އެމަރޖެންސީ މެނޭޖްމަންޓް، ވާންގ ޒިޔާންގޒީއެވެ.
މި ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަޒީލް ނަޖީބް އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝަންގހުވާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް މުޢިއްޒަށް މަރުޙަބާ ދެންނެވުމުގެ ގޮތުން އޮނަރގާޑެއް އެރުވުމާއެކު، ސަޤާފީ ޙަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެހެނިހެން ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި ރައީސް މުޢިއްޒު އިއްވަވާ ބަޔާނުގައި، މޫސުމަށް އަންނަ ބަދަލުތަކާއި، އިޤްތިޞާދީ ގޮންޖެހުންތަކާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަޤުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާނެކަމަށް ވެއެވެ.
2001 ވަނަ އަހަރު އުފެދުނު އެސް.ސީ.އޯ އަކީ ޔޫރޭޝިޔާ ސަރަޙައްދުގެ ސިޔާސީ، އިޤްތިޞާދީ އަދި ދިފާޢީ ކަންކަމަށް އަމާޒުކޮށްގެން އުފައްދާފައިވާ ސަރަޙައްދީ ޖަމުޢިއްޔާއެކެވެ. މިހާރު 10 މެންބަރު ޤައުމު ހިމެނޭ މި ޖަމުޢިއްޔާގައި ދިވެހިރާއްޖެ ބައިވެރިވެފައިވަނީ ޑަޔަލޮގް ޕާޓްނަރެއްގެ ގޮތުގައެވެ.