ޚަބަރު
ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނާ ބައްދަލު ކުރެއްވުން: ފޮޓޯ- ރައީސް އޮފީސް

ފަރުދުން
28 އޯގަސްޓު 2025، 03:58
28 އޯގަސްޓު 2025، 03:58
ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެކަމަށާއި މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ، ގިނަ ކަންތައްތަކެއް ފަހިކޮށްދެއްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާއި ގުޅޭގޮތުން، ނޫސްވެރީންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވުމަށް އެ އެސޯސިއޭޝަނުން އެދިވަޑައިގަތުމާއި ގުޅިގެން ބޭއްވެވި ބައްދަލުވުމުގައެވެ. މި ބައްދަލުކުރެއްވުމުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖާނަލިސްޓް އެސޯސިއޭޝަންގެ ފަރާތުން ހުށަހެޅުއްވި ހުރިހާ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމާއި މެދު ވިސްނާވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިސަރުކާރަކީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް ކަމުގައެވެ. އަދި ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެކަމަށާއި މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، މީޑިއާ ރެގިއުލޭޓްކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުންފުޅުނުވާ ކަމަށާއި، މެންބަރުން އައްޔަނު ކުރުމުގައިވެސް ސަރުކާރުގެ އެއްވެސް ދައުރެއް ބާއްވަން ބޭނުންފުޅު ނުވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ ވަކި ވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާޙް ހުށަހަޅުއްވާނެކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައެވެ.