ޚަބަރު
އައްޑޫގައި ރާއްޖޭގެ ދެވަނަ ފްރީ ޒޯން ޤާއިމްކުރަނީ

ކުޅުދުއްފުށީ ޕޯޓް ފުޅާކުރުމުގެ މަސައްކަތުގެ އެއްބސްވުމުގައި ސޮއިކުރުން
ދިވެހިރާއްޖޭގެ ދެވަނަ ފްރީ ޒޯން އައްޑޫ ސިޓީގައި ޤާއިމްކުރާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވެއްޖެއެވެ. މިއީ ސަރުކާރުގެ އިޤްތިޞާދު ސިންދަފާތުކުރުމުގެ މަސައްކަތުގެ ދަށުން، ކުޅުދުއްފުށި ސިޓީގައި ފްރީ ޒޯން ޤާއިމްކުރުމަށްފަހު ދެކުނުގެ ސަރަހައްދުގައި ފަށާ މަސައްކަތެކެވެ.
އެމްޕީއެލްގެ ސީއީއޯ ރިޝްވާން މިހެން ވިދާޅުވީ، ކުޅުދުއްފުށި ސިޓީގައި އެމްޕީއެލްއިން ދެމުންދާ ޚިދުމަތްތައް ފުޅާކުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްރީ ޒޯންތައް ޤާއިމްކުރުމަކީ ސަރުކާރުން އިސްކަމެއް ދީގެން އިޤްތިޞާދު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތެކެވެ. މިމަސައްކަތުގެ ތެރެއިން ޑިއުޓީއަކާއި ނުލައި މުދާ ބެހެއްޓޭ ޒޯން ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައި މިހާރުވަނީ ކަނޑައަޅާފައެވެ. ފްރީ ޒޯންތަކަކީ، ރާއްޖެއަށް މުދާ ގެނެސް، މުދާ ބޭރުކުރުމުގެ ކުރިން ނުވަތަ އެތެރޭގެ ބާޒާރަށް ނެރެންދެން ޑިއުޓީ ނުދައްކާ ބެހެއްޓޭ ސަރަހައްދުތަކެވެ.
ރިޝްވާން ވިދާޅުވީ ކުޅުދުއްފުށި ސަރަހައްދީ ބަނދަރުގެ ފްރީ ޒޯން ކަނޑައެޅުމަށް ފަހު، ދެން އެންމެ އަވަހަށް މިމަސައްކަތް ފެށޭނީ ރާއްޖޭގެ ދެކުނުން ކަމަށެވެ. "މީގެ މޮޑެލްއެއް ރެޑީ ކުރަން ދެކުނަށް. އައްޑޫގައިވެސް އެބައޮތް ބަނދަރެއް. ކުޅުދުއްފުށީގައި ޕައިލެޓް ޕްރޮޖެކްޓް މި ފެއްޓީ. އަޅުގަނޑުމެން ވަރަށް ބޮޑަށް ތައްޔާރުވެފައި މިތިބީ." ރިޝްވާން ވިދާޅުވިއެވެ.
ކުޅުދުއްފުށީގެ ފްރީ ޒޯނާއެކު ބަނދަރުން ދޭ ޚިދުމަތްތައް ވަނީ އިތުރުވެފައެވެ. އެގޮތުން ބޮންޑެޑް ޒޯންތަކުގެ އިތުރަށް، ބަލްކް ކާގޯ ރައްކާކުރެވޭނެ ޖާގަތައް ތަޢާރަފްކޮށް، އެތެރޭގެ މުދާ އުފުލާ ބޯޓުތަކަށް ޚިދުމަތް ދިނުމަށް ބަނދަރުން ވަނީ ބައެއް ހަމަޖައްސާފައެވެ. މިއާއެކު ވިޔަފާރިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހި، އިޤްތިޞާދީ ހަރަކާތްތައް އިތުރުވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އެމްޕީއެލްއިން ކުޅުދުއްފުށީ ބަނދަރުން ދޭ ޚިދުމަތްތައް ފުޅާކޮށް، އުތުރުގެ ހަތަރު އަތޮޅަކަށް ޚިދުމަތް ދިނުމަށް ވަނީ ތައްޔާރުވެފައެވެ. އަދި މި ޚިދުމަތްތަކާއި ގުޅޭ މައުލޫމާތުތައް ދިނުމަށް މިމަހުގެ 30 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވާނެ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.
މިމަހުގެ 30 ގައި އަޅުގަނޑުމެންގެ ބިޒްނަސް ޑިވެލޮޕްމަންޓާއި، ކައުންސިލާއި ވިޔަފާރިވެރިން އަދި ބީއެމްއެލް ހިމެނޭހެން 100 އެއްހާ ފަރާތް ބައިވެރިވާ ބައްދަލުވުމެއް ކުރިއަށްގެންދާނަން. އަލަށް ފެށުނު ޚިދުމަތްތައް ކިހާ ފުޅާދާއިރާއެއްގައިތޯ ކުރިއަށް ގެންދެވޭނީ. މީގައި ބޭންކުތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާނެ، ޚާއްސަކޮށް ރަހުނު ނުބަހައްޓާ 3 މިލިއަނާއި ހަމައަށް ވިޔަފާރިތަކަށް ދޫކުރާ ލޯނު
ރިޝްވާން
އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ، އެކުންފުނީގެ ލޮޖިސްޓިކް ޚިދުމަތްތައް އުތުރުން ދެކުނަށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިފައިވާ ކަމަށެވެ. މިއާއެކު ސަރަހައްދީ ވިޔަފާރި ބަނދަރުތަކަށް ގެނެވޭ ކޮންޓެއިނަރުތައް އަތޮޅުތަކަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ސަރުކާރުން ވަނީ އުތުރުގެ ފްރީ ޒޯނުގެ އިތުރުން، ދެކުނާއި މެދުތެރޭގައި ވެސް މިފަދަ ޒޯން ކަނޑައަޅާނެކަން ހާމަކޮށްފައެވެ. އަދި މިސަރަހައްދުތައް ތަރައްޤީކޮށް، އެތެރެކުރާ މުދަލަށް ޑިއުޓީ ނުދައްކާ އަގު އެއްކުރެވޭނެ ގޮތް ހެދުމާއެކު، ރީއެކްސްޕޯޓް ކުރުމަށް މަގުފަހިކުރުމަކީ މިމަސައްކަތުގެ މައިގަނޑު އެއް މަޤްޞަދެވެ.