Ads by Stelco

ޚަބަރު

ބޮޑެތި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ދޮގު މަޢުލޫމާތު ނުފެތުރުމަށް ވަޒީރު އެދިވަޑައިގެންފި

ބޮޑެތި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ދޮގު މަޢުލޫމާތު ނުފެތުރުމަށް ވަޒީރު އެދިވަޑައިގެންފި

ރައީސް ނަޝީދު / އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވައި ވަޒީރު އިޙްސާން ލިޔުއްވި މެސެޖުގައި ވަނީ އެންމެ ބޭފުޅުން ދޮގު މަޢުލޫމާތު ފެތުރުމުން ދުރުހެލިވުމަށް ގޮވާލައްވާފައި، ފޮޓޯ: މަޖިލިސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

28 އޯގަސްޓު 2025، 10:00

28 އޯގަސްޓު 2025، 10:00

ބޮޑެތި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ދޮގު މަޢުލޫމާތު ފެތުރުމުން ދުރުހެލިވުމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު، ޢަލީ އިޙްސާން އެދިވަޑައިގެންފިއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދު "އެކްސް"ގައި ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވައި، ލިޔުއްވި މެސެޖުގައެވެ.

މިއަދު ހެނދުނު "އެކްސް"ގައި ރައީސް ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ލިޔުންތެރިއެއް އަދި ފާޅުކުރި ޚިޔާލުތަކަކާ ގުޅިގެން ޖަލަށްލާފައިވާ މީހެއްގެ ހައިސިއްޔަތުން، މީޑިއާ ބިލް ތަސްދީޤުނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ގޮވާލައްވާކަމަށެވެ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަކީ، ޤައުމުގެ މިނިވަންކަން ހަނިވެ، ތަނަވަސްކަމަށް އޭގެ ނުރަނގަޅު އަސަރުކުރާނެ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި އިއްޔެގެ އިޙުތިޖާޖާ ގުޅިގެން ހައްޔަރުކުރި ނޫސްވެރިން މިނިވަންކުރުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.



ރައީސް ނަޝީދުގެ މި މެސެޖަށް ރައްދުދެއްވަމުން ވަޒީރު އިޙްސާން ވިދާޅުވީ، އިއްޔެގެ އިޙުތިޖާޖުތަކުގައި އެއްވެސް ނޫސްވެރިއަކު ހައްޔަރުނުކުރާ ކަމަށެވެ. ކަންހިނގާދިޔަ ގޮތް އޮޅުންފިލުވާ ދެއްވަމުން ވަޒީރު އިތުރަށް ވިދާޅުވީ، ނޫސްވެރިން އެއްވެގެން ތިބީ "ގްރީން ޒޯން"ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދުގައިކަމަށްވެފައި، އެ ސަރަޙައްދަކީ އެއްވެ އުޅުން ޤާނޫނުން މަނާކޮށްފައިވާ ސަރަޙައްދެއްކަމުން، އެ ސަރަޙައްދު ދޫކޮށް ދިއުމަށް ފުލުހުން ނަސޭހަތްތެރިވި ކަމަށެވެ. ނަމަވެސް، ފުލުހުންގެ އެ އެންގުންތަކަށް ބޯނުލެނބުމުން، ބައެއް ނޫސްވެރިން ފުލުހުންގެ ބެލުމުގެ ދަށުން އެ ސަރަޙައްދުން ދުރަށް ގެންދެވުނުކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން، ކަންކަމުގެ ހަޤީޤަތާ ޚިލާފަށް ބޮޑެތި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ދޮގު މަޢުލޫމާތު ފެތުރުމުން ދުރުހެލިވުމަށް ވަޒީރު ވަނީ އެންމެހާ ބޭފުޅުންނަށް އިލްތިމާސްކުރައްވާފައެވެ. 



ނޫސްވެރިން ކުރިޔަށް ގެންދިޔަ އިޙުތިޖާޖަކީ، ނޫސްވެރިކަން ރެގިއުލޭޓުކުރުމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވުމާ ގުޅިގެން، އެ ބިލުގެ ސަބަބުން ނޫސްވެރިކަން ނުވަތަ ޚިޔާލުފާޅުކުރުން ހަނިވެގެންދާނެކަމަށް ބުނެ ކުރިޔަށް ގެންދިޔަ އިޙުތިޖާޖެކެވެ.

ނޫސްވެރިކަން ރެގިއުލޭޓުކުރުމާ ގުޅޭ ބިލަކީ 19 އޯގަސްޓުގައި ތުޅާދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ޢަބްދުލްޙަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މި ބިލުގެ ފުރަތަމަ ކިއުން އިއްވައި، އިބްތިދާއީ ބަހުސް ވެސް އެ ދުވަހު ވަނީ ފަށާފައެވެ. ނަމަވެސް އެ ބިލަށް ބަހުސްކުރުމަށް ގިނަ މެންބަރުންނަށް ފުރުޞަތު ދިނުމުގެ ގޮތުން، މަޖިލީހުގެ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި އެ ބިލަށް ބަހުސްކުރުމަށްފަހު، މަޖިލީހުން ބަލައިގަތުމަށް ވަނީ ނިންމާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން