Ads by Stelco

ޚަބަރު

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން 24 މީޓަރުގެ ސަރަޙައްދެއްގައި ޝީޓްޕައިލްކޮށް ނިމިއްޖެ

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން 24 މީޓަރުގެ ސަރަޙައްދެއްގައި ޝީޓްޕައިލްކޮށް ނިމިއްޖެ

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޯގަސްޓު 2025، 11:01

26 އޯގަސްޓު 2025، 11:01

މާލޭ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 24 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލްކުރުމުގެ މަސައްކަތް ނިންމައި، އެއްގަމު ތޮށި ތަޅާލުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މިކަން ހާމަކުރީ އެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

144 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަގެއްގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ މާލޭ އުތުރު ސަރަހައްދުން ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ބައެކެވެ. މި މަޝްރޫޢުގެ ދަށުން 830 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެވޭއިރު، 737 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށުނު މި މަޝްރޫޢުގެ ދަށުން، މަގު ތަރައްޤީކުރެވެނީ 4 ލޭނަށެވެ. މީގެ އިތުރުން، ހިނގާ މީހުންނަށް ވަކި ލޭނެއް ޤާއިމުކުރުމާއި، ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މި މަސައްކަތް ނިންމުމަށް ދެވިފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ މުއްދަތެކެވެ.

ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި، މި މަޝްރޫޢު ނިމުމުން މާލޭގެ މަލަމަތި ރީތިވުމުގެ އިތުރުން، "ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު ބޭނުންކުރަމުން އަންނަ މިސަރަޙައްދުގެ ތޮއްޖެހުން ކުޑަވެގެންދާނެ" އެވެ. މި ސަރަޙައްދަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ގިނަ އޮފީސްތަކާއި، މާލޭ މަސްމާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓު ހިމެނޭ މުހިންމު ސަރަޙައްދެކެވެ.

މި މަޝްރޫޢު ނިމުމުން، މި ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، ގިނަ ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން