ޚަބަރު
އިޤުތިޞާދީ ނަފާ ހޯދުމަށް ކައުންސިލްތަކަށް އެހީތެރިވެދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާއަށް ކުޅުދުއްފުށިން މަރުހަބާ ދެންނެވުން، ފޮޓޯ: ޙަސަން އިޔާދު/ފަރުދުން
އިޤުތިޞާދީ ނަފާ ހޯދުމަށް ރައްޔިތުންނާ ގުޅިގެން ކައުންސިލްތަކުން ކުރިޔަށް ގެންދިއުމަށް ރާވާ ކަންކަމުގައި އެހީތެރިވެދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް އާދީއްތަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ނޭކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން، ނޭކުރެންދޫގައި ޖަލެއް ޤާއިމްކުރުމަށް ދޫކޮށްފައި އޮތް ބިން ކައުންސިލަށް ނެގުމުން ލިބޭނެ އިޤުތިޞާދީ ފައިދާއަށް ވިސްނައި، ރައްޔިތުންގެ އެދުމުގެ މަތިން ރަށު ކައުންސިލުގެ ފަރާތުން އެކަން ހުށަހެޅުމުން، އެ ބިން ކައުންސިލާ މިހާރު ހަވާލުކޮށްފައިވާނެކަމަށް ވިދާޅުވިއެވެ. އަދި އެ ބިމުގެ ބޭނުން ކުރުމަށްވެސް، ރައްޔިތުންގެ މަޝްވަރާއާއެކު ކައުންސިލުން ހުށަހެޅުމުން، ސަރުކާރުން މަގުފަހިކޮށްދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނޭކުރެންދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރޭގައި ހިމެނިގެން، އެ ރަށު ސްވިމިންގ ޓްރެކް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވެސް މިއަދު ސޮއިކުރައްވާފައިވެއެވެ. މިއީ އެ ރަށުގެ ބަނދަރާ އެކުއެކީގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މިހާރު ނޭކުރެންދޫގައި ކުރިއަށްދާ ބަނދަރުގެ މަޝްރޫޢުގައި، އެ ރަށު ބަނދަރުގެ ޖާގައަށް 100 ފޫޓު އިތުރުކުރައްވައި، ދޯނި އެހެލާ ސަރަޙައްދަކާއި، މޫދަށް އެރޭ ސަރަޙައްދެއްވެސް ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ޙައްލުކުރެއްވުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭ ކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.
ނޭކުރެންދޫ ސްކޫލް މަޝްރޫޢަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، އާ ދިރާސީ އަހަރު ފެށެންވާއިރަށް އާ އިމާރާތް ބޭނުންކުރެވޭނޭ ގޮތަށް މަޝްރޫޢު ނިންމަވައިދެއްވާނޭކަމަށެވެ. އަދި މަލްޓިޕަރޕަސް ހޯލުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައި، ލަސްވެގެން އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފައްޓަވައިދެއްވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިއަދު ފެއްޓެވި ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހިމެނޭހެން، ސިއްޙަތާއި ހަށިހެޔޮކަމުގެ ދާއިރާއިންވެސް ނޭކުރެންދޫއަށް ވަނީ މުހިންމު މަސައްކަތްތަކެއް ތާވަލުކުރައްވާފައެވެ. އެ ރަށުގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ތަރައްޤީކުރައްވާއިރު، އިންޑޯ ބެޑްމިންޓަން ކޯޓެއް ހިމަނުއްވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ފުޓުބޯޅަ ދަނޑަށް ބޭނުންވާ ޒަމާނީ، އިތުރު ވަސީލަތްތައް ޤާއިމުކޮށްދެއްވާނޭކަމުގެ ޔަޤީންކަންވެސް އެ މަނިކުފާނު ދެއްވިއެވެ.