Ads by Stelco

ޚަބަރު

ހިރިމަރަދޫން ގޯތި ލިބިފައިވާ މީހުން ރަޖިސްޓްރީ ބަދަލުކުރުމާއި، ގޯތި ބައިކުރުންފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފި

ހިރިމަރަދޫން ގޯތި ލިބިފައިވާ މީހުން ރަޖިސްޓްރީ ބަދަލުކުރުމާއި، ގޯތި ބައިކުރުންފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހިރިމަރަދޫއަށް ކުުރެވި ދަތުރުގެ ތެރެއިން: ފޮޓޯ- ފަރުދުން

farudhun logo

ފަރުދުން

26 އޯގަސްޓު 2025، 10:47

26 އޯގަސްޓު 2025، 10:47

ހިރިމަރަދޫން ގޯތި ލިބިފައިވާ މީހުން ރަޖިސްޓްރީ ބަދަލުކުރުމާއި، ގޯތި ބައިކުރުންފަދަ ކަންކަން ނުކުރުމަށް ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ. 

އެ ވުޒާރާއިން ވިދާޅުވީ ހދ. ހިރިމަރަދޫ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށާއި އެ ރަށު ހުރިހާ ރައްޔިތުންނަށް އެކަށީގެންވާ ގެދޮރާއި ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެރަށު ރައްޔިތުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާ، 24 އޯގަސްޓުގައި ރައީސް އެކަން އިޢުލާނު ކުރައްވާފައިވާކަމަށެވެ. 

އެއާއެކު ހަމަ އެ ތާރީޚުގައި، އެ މަޝްރޫޢު ތަންފީޒުކުރުމުގެ ގޮތުން އެ މިނިސްޓްރީ އާއި ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާއެކު ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް ވިދާޅުވެފައިވެއެވެ. ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ހދ ހިރިމަރަދޫގެ ރައްޔިތުންނަށް ގެދޮރު އިމާރާތްކުރުމާގުޅޭ ތަފްސީލީ ސަރވޭތައް ހެދުމާއި، މުނިސިޕަލް އިންފްރާސްޓްރަކްޗަރ ދެނެގަތުމާއި، މުޅި މަޝްރޫޢަށް ހިނގާނެ ފުރިހަމަ ޚަރަދު ދިރާސާއާއި ބަޖެޓް ތައްޔާރުކުރުމަށް އެޗްޑީސީއާއި މިހާރު ހަވާލުކުރެވިފައިވާކަމަށެވެ. 

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، ހިރިމަރަދޫން ހަނިމާދޫއަށް ބަދަލުވާ ރައްޔިތުންގެ ތެރެއިން މިހާރު ގޯތިގެދޮރު ހުރި ކޮންމެ ރައްޔިތަކަށް ހަނިމާދޫއަށް އަލަށް ބަދަލުވާ ސަރަޙައްދުން ގެ ލިބޭނެ ކަމަށެވެ. ހަމަ އެހެންމެ މިހާރު ގޯތި އޮވެ، އިމާރާތެއް ނެތް ކޮންމެ ރައްޔިތަކަށްވެސް ގެ ލިބޭނެކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ހިރިމަރަދޫން ހަނިމާދޫއަށް ބަދަލުވާ އެއްވެސް ރައްޔިތަކަށް ގެދޮރު ނެތި ނުދާނެކަން ކަށަވަރު ކުރެވޭނެކަމަށްވެސް  ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. 

 ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫން ގެދޮރު ދިނުމަށް ހަމަޖެހިފައިވަނީ 24 އޯގަސްޓް 2025 އާހަމައަށް ގޯތި ލިބިފައިވާ ފަރާތްތަކަށް ކަމުގައެވެ. އެހެންކަމުން އެއްވެސް ފަރާތަކުން މިހާރު ލިބިފައިވާ ގޯތި، އެހެންމީހެއްގެ ނަމަށް ބަދަލުކުރުމާއި، ގޯތި ބައި ކުރުމާއި، އެއްމެދު ކުރުންފަދަ ގޯތިގެ ރަޖިސްޓްރީއަށް ބަދަލު އަންނަ އެއްވެސް ކަމެއް ނުކުރުމަށް އެވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. 

ހިރިމަރަދޫ ރައްޔިތުންނަށް ދޮޅު އަހަރުތެރޭ ހަނިމާދޫއަށް ހިޖުރަކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ  މިހާރު އެއަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ، ވާހަކަފުޅު ދައްކަވަމުންނެވެ.  ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރުމަށް ސަރުކާރުގައި އެދެެމުން އަންނަތާ ގިނަދުވަސްތަކެއް ވަނީ  ވެފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން