ދުނިޔެ
އިސްރާއިލަށް ފިޔަވަޅު އަޅަން ސަރުކާރުން އެއްބާރުލުން ނުލިބޭތީ ނެދަލޭންޑްސްގެ ޚާރިޖީ ވަޒީރު އިސްތިއުފާ ދެއްވައިފި

ނެދަލޭންޑްސްގެ ޚާރިޖީ ވަޒީރު ކަސްޕަރ ވެލްޑްކެމްޕް
ޣައްޒާގައި އިސްރާއިލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ގުޅިގެން އިސްރާއިލަށް ފިޔަވަޅު އަޅަން ސަރުކާރުން އެއްބާރުލުން ނުލިބޭތީ ނެދަލެންޑްސްގެ ޚާރިޖީ ވަޒީރު ކަސްޕަރ ވެލްޑްކެމްޕް އިސްތިއުފާ ދެއްވައިފިއެވެ.
ސެންޓަރ-ރައިޓް ނިއު ސޯޝަލް ކޮންޓްރެކްޓް ޕާޓީގެ މެންބަރެއް ކަމުގައިވާ ވެލްޑްކެމްޕް ވިދާޅުވީ "މާނަހުރި ފިޔަވަޅުތަކެއް" އެޅުމަށް އެއްބަސްވުމަކަށް ނާދެވުނު ކަމަށާއި، މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް އެހެން ވަޒީރުންގެ ނުރުހުމާއި ދެކޮޅުވެރިކަން ކުރިމަތިވަމުންދާ ކަމަށެވެ.
އޭގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގުމަށް ހިތްވަރުދިނުމުގައި އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ވަޒީރުން ކަމަށްވާ ބެޒަލެލް ސްމޮޓްރިޗް އަދި އިތަމާރު ބެން-ގްވިރްއަށް ނެދަލޭންޑްސްއަށް ވަނުން މަނާކުރުން ހިމެނެއެވެ.
ވެލްޑްކެމްޕް ވަނީ ކަނޑުމަތީގެ އުޅަނދުފަހަރުގެ ބައިތައް އެކްސްޕޯޓްކުރުމުގެ ތިން ހުއްދައެއް ބާތިލްކުރައްވާފައެވެ. އެއީ ޣައްޒާގެ ހާލަތު ދަށަށް ދިއުމާއި، އެ ތަކެތި ބޭނުންކުރެވިދާނެ ގޮތްތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައިއެވެ.
"އަޅުގަނޑަށް ފެންނަނީ ޣައްޒާގައި ހިނގަމުންދާ ކަންތައްތައް، ޣައްޒާ ސިޓީއަށް ދެމުންދާ ހަމަލާތައް، އަދި ވެސްޓް ބޭންކާއި އީސްޓް ޖެރޫސަލަމްގައި ހިނގަމުންދާ ކަންތައްތައް، ވިވާދުވެރި އާބާދީ އީ1 ގައި ޢިމާރާތްކުރުމުގެ ނިންމުން،" ވެލްޑްކެމްޕް ނޫސްވެރިންނަށް ވިދާޅުވިއެވެ.
އެމަނިކުފާނުގެ އިސްތިއުފާއާ ގުޅިގެން، ނިއު ސޯޝަލް ކޮންޓްރެކްޓްގެ ހުރިހާ ވަޒީރުންނާއި ސްޓޭޓް ސެކްރެޓަރީން ވަނީ އެއްބާރުލުމުގެ ގޮތުން އިސްތިއުފާ ދެއްވާފައެވެ. މިއީ ޔޫކްރެއިންގެ ސަލާމަތީ ގެރެންޓީތަކާއި އެމެރިކާއާއެކު ޓެރިފްތަކާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި ނެދަލޭންޑްސް ފޮރިން މިނިސްޓަރަކާ ނުލައި ދޫކޮށްލާފައިވާ ހާލަތެކެވެ.
އިސްރާއީލާ މެދު އެޅިފައިވާ މަދު ފިޔަވަޅުތަކާއެކުވެސް، ނެދަލޭންޑްސްއިން ދަނީ އިސްރާއީލުގެ އެފް-35 ހަނގުރާމަވެރި ޖެޓް މަތިންދާބޯޓުގެ ސަޕްލައި ޗެއިންއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ޖެޓްތައް ވަނީ 2023 ގެ އޮކްޓޯބަރުން ފެށިގެން 62,000 އަށްވުރެ ގިނަ މީހުން ޝަހީދުވުމުގެ ސަބަބަކަށްވެފައިވާ ޣައްޒާގެ އެއަރ ސްޓްރައިކްތަކުގައި ބޭނުންކޮށްފައެވެ.