ދުނިޔެ

އިންފްރާސްޓްރަކްޗާ ހަލާކުވެ، ޣައްޒާގެ ރައްޔިތުން ފެންބޮޑުވުމުގެ ބޮޑު ނުރައްކަލަކަށް ހުށަހެޅިއްޖެ

އިންފްރާސްޓްރަކްޗާ ހަލާކުވެ، ޣައްޒާގެ ރައްޔިތުން ފެންބޮޑުވުމުގެ ބޮޑު ނުރައްކަލަކަށް ހުށަހެޅިއްޖެ

ޣައްޒާގައި ފެންބޮޑުވެފައި. ފޮޓޯ:އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ނޮވެމްބަރު 2026، 05:53

11 ނޮވެމްބަރު 2026، 05:53

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ހަމަލާތަކުގައި އެ ސަރަޙައްދުގެ އިންފްރާސްޓްރަކްޗާ ސުންނާފަތިވުމުގެ ސަބަބުން، ބޯކޮށް ވާރޭވެހި އުފެދުނު ފެންބޮޑުވުންތަކުގައި ބޮޑެތި ސަރަޙައްދުތަކެއް ފެނުގެ އަޑިއަށް ގޮސްފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ހާމަކޮށްފިއެވެ.

މޫސުމީ ގަދަ ވިއްސާރައިގެ ސަބަބުން ޣައްޒާގެ ފެން ހިންދާ ނިޒާމާއި ނަރުދަމާ ވިއުގަ ބޮޑުތަނުން ހަލާކުވެފައިވާ މިންވަރު ހާމަވެފައިވާއިރު، އެތައް ހާސް ފޭލިގެއެއްގައި ވަނީ ފެންބޮޑުވެފައެވެ. ޣައްޒާގެ މީޑިއާ އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، ވާރޭގެ ސަބަބުން ގާތްގަނޑަކަށް 70،000 ފޭލިގެއަށް ގެއްލުންވެ، 350،000 މީހުންނަށް އޭގެ އަސަރު ވަނީ ކޮށްފައެވެ. އަދި ބައެއް ކޭމްޕުތަކުގައި ފެންބޮޑުވި މިންވަރު 1.5 މީޓަރަށް އުފުލިފައިވާއިރު، ޣައްޒާގެ 700 ކިލޯމީޓަރަށް ވުރެ ދިގު ނަރުދަމާ ނިޒާމު ވަނީ ބިމާ ހަމަވެފައެވެ.

މި ވިއްސާރައިގައި ޣައްޒާގެ ސިވިލް ޑިފެންސަށް އެހީތެރިކަމަށް އެދި 2،000 އަށް ވުރެ ގިނަ ކޯލް ލިބުނު ނަމަވެސް، ތެލުގެ ދަތިކަމާއި މެޝިނަރީތައް ހަލާކުވެފައިވުމުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދެވުނީ އެންމެ 218 ފަރާތަކަށެވެ. ޣައްޒާ ސިޓީގެ މުނިސިޕަލްޓީގެ އަތުގައި މިހާރު އޮތީ މަސައްކަތްކުރާ އެންމެ ބުލްޑޯޒަރަކާއި ފެންބޮބާ ދެ ލޮރީ ކަމަށްވާއިރު، ގިނަ ފެން ޕަންޕުތައް ހުރީ ބޭނުންނުކުރެވޭ ހާލަތުގައެވެ.

ޣައްޒާ ސިޓީ މުނިސިޕަލްޓީގެ ތަރުޖަމާނު ޙުސްނީ މުހައްނާ އަލްޖަޒީރާއަށް ވިދާޅުވީ، ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން 135 އަށް ވުރެ ގިނަ އުޅަނދާއި ބަރު މެޝިނަރީ ހަލާކުކޮށްލުމާ ގުޅިގެން މުނިސިޕަލްޓީގެ ފްލީޓުގެ 85 އިންސައްތަ ގެއްލިފައިވާ ކަމަށެވެ. މީގެ އިތުރުން ސިޓީގެ ނަރުދަމާ ނިޒާމުގެ 8 ޕަންޕުގެ ތެރެއިން 6 ޕަންޕު ހަލާކުކޮށްލާފައިވާއިރު، ފެންހިންދުމުގެ ޤާބިލުކަން ވަނީ 20 އިންސައްތައަށް ދަށަށް ގޮސްފައެވެ. އަދި ވާރޭފެން ހިންދުމަށް ހުރި 4،800 ޑްރެއިންގެ ތެރެއިން 2،800 ޑްރެއިން ވަނީ ބޭނުންނުކުރެވޭ ވަރަށް ސުންނާފަތިވެފައެވެ.

ޣައްޒާގެ ސަރުކާރު މީޑިއާ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް އިސްމާޢީލް އަލް-ޘަވާބްތާ ވިދާޅުވީ، ގެއްލުންވި ހިޔާވަހިކަން ބަދަލުކުރުމަށްޓަކައި 300،000 އާއި 350،000 އާ ދެމެދުގެ ޢަދަދަކަށް ފޭލިގެއާއި ޕްލާސްޓިކް ތާރުޕޯލިން ބޭނުންވާ ކަމަށެވެ. އަދި ފެން ހިންދާ 1،000 އާއި 1،500 އާ ދެމެދުގެ ޢަދަދަކަށް ޕަންޕާއި، 300 އާއި 500 އާ ދެމެދުގެ ބަރު މެޝިނަރީގެ އިތުރުން ޖަނަރޭޓަރުތައް ޣައްޒާއަށް ކޮންމެހެން ބޭނުންވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފިނިމޫސުމާ ކުރިމަތިލުމަށް ޣައްޒާގެ ރައްޔިތުންނަށް 2.2 މިލިއަން ފިނިހެދުން ބަސްތާއާއި، 5 މިލިއަން ކުއިލްޓް/ބްލެންކެޓާއި، 2 މިލިއަން ކޮނޑި އަދި 400،000 ހީޓަރު ބޭނުންވާ ކަމަށް އަލް-ޘަވާބްތާ ވިދާޅުވިއެވެ. ނަމަވެސް އިސްރާއީލުގެ ހިސާރުކުރުމުގެ ސަބަބުން 2.3 މިލިއަން މީހުންގެ އާބާދީއަށް ބޭނުންވާ އެހީގެ ކުޑަ މިންވަރެއް ފިޔަވައި އެތެރެވުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450