ޚަބަރު
މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ މޮޑެލް އެޑްވޮކޭޓުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވައިފި

މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ މޮޑެލް އެޑްވޮކޭޓުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ބޭއްވުން/ފޮޓޯ: އިޖްތިމާޢީ ވުޒާރާ
މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ މޮޑެލް (އެމްޖެމް) އެޑްވޮކޭޓުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވައިފިއެވެ.
އެމްޖެމް އެޑްވޮކޭޓުންނަކީ 2019 ވަނަ އަހަރު ތަސްދީގުކޮށްފައިވާ މިންތީގެ ހަމަހަމަކަމާއި ބެހޭ ޤައުމީ ސިޔާސަތާ ގުޅިގެން 2022 ވަނަ އަހަރު އިފްތިތާހުކޮށްފައިވާ ނެޝަނަލް ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގެ ދަށުން ދައުލަތުގެ އިދާރާތަކުގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށާއި އަންހެނުން ބާރުވެރި ކުރުމަށް ދައުލަތުގެ ވުޒާރާތަކުން ކަނޑައަޅާފައިވާ ފަރާތްތަކެވެ.
އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެމްޖެމް އަކީ ޤައުމީ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑިތަކާއި ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ހާސިލް ކުރުމަށް ކުރެވޭ ކަންކަން ދެނެގަނެ، އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ހާސިލްކުރުމަށް އެކުލަވާލާފައިވާ ނިޒާމެއް ކަމަށެވެ. އެގޮތުން، މި ނިޒާމުގެ ދަށުން އެޑްވޮކޭޓުން ކަނޑައެޅުމުގެ މަޤްޞަދަކީ، ދެ ޖިންސުގެ ތަފާތުތަކާއި ބޭނުންތައް ދެނެގަނެ، އެކަންކަމަށް ރިއާޔަތްކޮށް ޤާނޫނާއި ޤަވާއިދުތަކާއި، ސިޔާސަތުތަކާއި، އުސޫލުތަކާއި އަދި ޕްރޮގްރާމުތައް ހުރިހާ ދާއިރާއަކުން އެކުލަވާލުމަށް މަގުފަހިކުރުންކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެ ވުޒާރާއިން ވިދާޅުވީ، އެމްޖެމް އެޑްވޮކޭޓުންގެ ގޮތުގައި ދައުލަތުގެ ވުޒާރާތަކާއި، މިނިވަން މުއައްސަސާއަކާއި، ބަންޑާރަ ނައިބުގެ އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން 70 ފަރާތެއް ކަނޑައަޅާފައިވާ ކަމަށެވެ. ހަމަ އެހެންމެ، އެޑްވޮކޭޓުންގެ ހައިސިއްޔަތުން މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެފައިވާ މުވައްޒަފުންނަކީ އެ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރާނެ ފަރާތްތަކެއް ކަމަށާއި، މި މަޤާމަށް ހޮވުމުގައި އަންހެން މުވައްޒަފުންނަށް އޮޓަމެޓިކުން ހަވާލުކުރުމުގެ ބަދަލުގައި، ފިރިހެން މުވައްޒަފުންނަށްވެސް މި މަޤާމަށް ކުރިމަތިލުމަށް ހަމަހަމަ ފުރުސަތު ފަހިކޮށްދީފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، ކޮންމެ އެޑްވޮކޭޓަކީ އެ އިދާރާއެއްގައި މަދުވެގެން 2 އަހަރު މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ. ހަމަ އެހެންމެ، އެމްޖެމް އެޑްވޮކޭޓުންނަކީ ނިންމުންތައް ނިންމުމުގެ މަރުހަލާތަކުގައި އެކަށީގެންވާ ގޮތެއްގައި ބައިވެރިވެވޭ ފަދަ ސީނިއަރ ފެންވަރުގެ ފަރާތަކަށް ވާންޖެހޭނެ ކަމަށާއި، މިކަމުގެ މަޤްޞަދަކީ މި ފަރާތްތަކުގެ ބައިވެރިވުމަކީ ހަމައެކަނި ރަމްޒީ ބައިވެރިވުމެއްގެ ބަދަލުގައި މާނަހުރި ބައިވެރިވުމަކަށް ހެދުމަށްކަން އެވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.