Ads by Stelco

ޚަބަރު

މަލްޓި-ހަޒާޑު އާރލީ ވޯރނިންގް ސިސްޓަމަކީ ޤުދުރަތީ ކާރިސާތަކަށް ތައްޔާރުވުމުގެ ޤައުމީ ޕްލޭނެއް: ޑރ. ކިނާނަތު

މަލްޓި-ހަޒާޑު އާރލީ ވޯރނިންގް ސިސްޓަމަކީ ޤުދުރަތީ ކާރިސާތަކަށް ތައްޔާރުވުމުގެ ޤައުމީ ޕްލޭނެއް: ޑރ. ކިނާނަތު

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ކިނާނަތު--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

21 އޯގަސްޓު 2025، 03:27

21 އޯގަސްޓު 2025، 03:27

މަލްޓި-ހަޒާޑު އާރލީ ވޯރނިންގް ސިސްޓަމަކީ ޤުދުރަތީ ކާރިސާތަކަށް ތައްޔާރުވުމުގެ ޤައުމީ ޕްލޭނެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު ކިނާނަތު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި، ފުވައްމުލަކު ސިޓީގައި މަލްޓި-ހަޒާޑު އާލީ ވޯނިންގް ސިސްޓަމެއް ޤާއިމުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ކިނާނަތު ވިދާޅުވީ، މި ކުޑަ ދިވެހިރާއްޖެ ފަދަ ޖަޒީރާ ރަށްތަކަކީ، މޫސުމީ ބަދަލު ތަކުގެ ސަބަބުން ޤުދުރަތީ ކާރިސާތަކަށް ހުށަހެޅިފައިވާ ޤައުމެއް ކަމަށެވެ. އަދި މޫސުމަށް އަންނަ އެކި ބަދަލުތަކުގެ ސަބަބުން، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ރަށްތައް ގިރުމާއި، އުދައެރުން މިހާރު އިތުރުވެފައިވާ ކަމަށާއި، މިފަދަ ކާރިސާތަކުގެ ސަބަބުން ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ އެކި ހާލަތްތަކަށް އަސަރުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ކިނާނަތު ވިދާޅުވީ، މި ސިސްޓަމަކީ އިނގެރޭސިވިލާތުގެ ސަލްފޯރޑް ޔުނިވާރސިޓީ އާއި ގުޅިގެން އުފެއްދިފައިވާ ސިސްޓަމެއް ކަމަށެވެ. އަދި މި ސިސްޓަމަކީ ކާރިސާއެއް ކުރިމަތިވުމުން އެކަމަކަށް ރިއެކްޓްކުރުމުގެ ބަދަލުގައި އެ ހާދިސާ އަކަށް ބިނާކޮށް ދުރާލާ ތައްޔާރީތައް ވުމަށް އެހީވެދޭނެ ސިސްޓަމެއް ކަމަށާއި، މިއީ ހަމައެކަނި ޓެކްނޮލޮޖީގެ ގޮތުން ލިބޭ ކުރިއެރުމެއް ނޫންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، މިއީ ގިނަ އިދާރާތަކެއް ގުޅިގެން ރިއަލް-ޓައިމް ޑޭޓާ އާއި، ސަރަހައްދީ ރިސްކް ޕްރޮފައިލިންގ ގެ މަސައްކަތް ކުރެވޭނެ ގޮތެއް ކަމަށާއި، މި ސިސްޓަމަކީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އިސްނަގައިގެން ، ވޯރލްޑް ބޭންކުގެ އެހީގައި ހިންގާ ޑިޖިޓަލް މޯލްޑިވްސް  ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާރސިފިކޭޝަން (ޑީ.މެޑް) ޕްރޮޖެކްޓުގެ މުހިއްމު ބައެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި ސިސްޓަމުގެ ސަބަބުން އެދި އިދާރީ ދާއިރާތައް އެއް ވިއުގައެއްގެ ތެރެއިން ގުޅުވާލެވި، ވަގުތު ނުގެއްލޭގޮތަށް ލާމަރުކަޒީ އުޞޫލުން މަސައްކަތްކުރެވޭނެ. މިކަމަކީ ރަށުފެންވަރުން މުޅި މުޖުތަމަޢުގެ ބައިވެރިވުން ހިމެނިގެން ކުރިއަށްދިއުމަށް އިސްކަންދެވޭނެ ކަމެއް.

ޑރ. މުހައްމަދު ކިނާނަތު ވިދާޅުވިއެވެ.

މީގެ އިތުރުން، މިސިސްޓަމުގެ ފުރަތަމަ ފިޔަވަހީގެ ތެރޭގައި ހިމެނޭނީ ފަހުގެ ޒަމާނީ ފޯކާސްޓިންގ މޮޑަލްތަކާއި، އިންޒާރުދޭ ނިޒާމުތަކާއި، ކަމެއް ދިމާވެއްޖެ ހާލަތެއްގައި ފިޔަވަޅު އެޅުމަށް ބޭނުންވާނެ ނިންމުންތައް ނިންމުމުގެ ވަޞީލަތްތައްކަމަށް ކިނާނަތު ވިދާޅުވިއެވެ. އަދި މި ސިސްޓަމުގައި ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއާއި، މޫސުމާ ބެހޭ ޤައުމީ އިދާރާ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ ތަޖުރިބާ އެކުލަވާލެވިފައިވާނެއެވެ.

މި މަޝްރޫޢަކީ، ޑިޖިޓަލް މޯލްޑިވްސް އެޖެންޑާގެ ދަށުން ކަނޑައެޅިފައިވާ ޤައުމީ ލަނޑުދަނޑިތަކާއި ގުޅިފައިވާ މަޝްރޫއެއްކަމަށް ކިނާނަތު ވިދާޅުވިއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް 2.0 ގައި އިސްކަންދެއްވާފައިވާ އެމަނިކުފާނުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާގައިވާ ގޮތުގެ މަތިން، އައު ޓެކްނޮލޮޖީގެ އެހީގައި މޫސުމަށް  އަންނަ ބަދަލުތައް ދިރާސާކޮށް ބެލުމަށްޓަކައި ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދުމަށް މި މަޝްރޫޢުއިން އެހީތެރިވެދޭނެކަމަށް ކިނާނަތުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު ފުވައްމުލަކުގައި މި ޤާއިމުކުރެވުނު ސިސްޓަމަކީ އަދި ޕައިލެޓް ސިސްޓަމަކަށް ވިއަސް، މި ސިސްޓަމް ފަރުމާކުރެވިފައިވަނީ އިތުރަށް ފުޅާކޮށް ފުރިހަމަކުރެވޭނެގޮތަކަށް. މިއީ ޤުދުރަތީ ކާރިސާތަކަށް ތައްޔާރުވުމުގެ ޤައުމީ  ޕްލޭނެއް. މި ޕްލޭން އެކުލަވާލެވިފައިވަނީ ލާމަރުކަޒީ ގޮތުންނާއި، ޑިޖިޓަލް އުފެއްދުންތަކާއި ހުރިހާ އެންމެންގެ ބައިވެރިވުން ހިމެނޭގޮތަށް.

ޑރ. މުހައްމަދު ކިނާނަތު ވިދާޅުވިއެވެ.

ޑރ. މުހައްމަދު ކިނާނަތު އިތުރަށް ވިދާޅުވީ، އެންމެންގެ ވެސް އަމާޒަކަށް ހަދަންވީ މި ސިސްޓަމުގެ މަޤްސަދު އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރުމަށް މަސައްކަތްކުރުމަށް ކަމަށެވެ. ހަމަ އެހެންމެ، މި ސިސްޓަމަކީ ހަމައެކަނި ޓޫލަކަށް ނަހައްދަވައި،  ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމަށް އޭނާ ވަނީ އެދިލައްވާފައެވެ. އެގޮތުން، ދިވެހިރާއްޖޭގެ މިނާޒުކު ތިމާވެއްޓަށް ކުރިމަތިވެދާނެ ކާރިސާތައް މަދުކޮށް، މުޖުތަމަޢު ސަލާމަތްކޮށް ރައްކާތެރިކުރުމަށް މި ސިސްޓަމް އިތުރު އެހީއަކަށް ވެގެންދާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން