ކުޅިވަރު

ޗެލްސީން ބޭނުންކުރި 250 މިލިއަނުގެ އެޓޭކިން ޓީމަށް ޕެލެސް ފޫއަޅުވާ ނުލެވުނު

ޗެލްސީން ބޭނުންކުރި 250 މިލިއަނުގެ އެޓޭކިން ޓީމަށް ޕެލެސް ފޫއަޅުވާ ނުލެވުނު

ޗެލްސީ އާއި ޕެލެސް ބައްދަލުކުރި މެޗުގެ ތެރެއިން، ފޮޓޯ: ރޮއިޓާސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 އޯގަސްޓު 2025، 10:15

18 އޯގަސްޓު 2025، 10:15

އިންގްލިޝް ޕްރިމިއަރ ލީގުގައި ރޭ ޗެލްސީއިން 200 މިލިއަނަށް ވުރެ އަގު ބޮޑު އެޓޭކިން ޓީމެއް ބޭނުންކުރި ނަމަވެސް، އިދިކޮޅަށް ކުޅުނު ކްރިސްޓަލް ޕެލެސް ފޫއަޅުވާ ނުލެވި، 0-0އިން އެއްވަރުވެގެން މެޗު ނިމިއްޖެއެވެ.

ދުނިޔޭގެ ޗެމްޕިއަން ޗެލްސީއިން މުޅި މެޗުގައި އެ ޓީމުގެ އެޓޭކުގައި 6 ކުޅުންތެރިއަކު ބޭނުންކުރިއިރު، އެ ކުޅުންތެރިންގެ އަގު ޖުމަލް 250 މިލިއަން ޕައުންޑަށް އަރައެވެ. އޭގެ ތެރޭގައި އެ ޓީމަށް އެންމެ ފަހުން ގެންދިޔަ ބްރައިޓަން އެންޑް ހޯލްވް އަލްބިއޯންގެ 55 މިލިއަން ޕައުންޑުގެ ޒާއޯ ޕެޑްރޯ އާއި ދެ އަރިމަތިން ކުޅުނު 52 މިލިއަންގެ ޖެމީ ގިޓެންސް އާއި އ45 މިލިއަނުގެ ޕެޑްރޯ ނޭޓޯ ހިމެނެއެވެ.

އަދި އެޓޭކިން މިޑްފީލްޑަރެއްގެ ރޯލު އަދާކުރި 40 މިލިއަނުގެ ކޯލް ޕާމާއަށް މި މެޗުގައި ރަގަޅު ކުޅުމެއް ނުދެއްކުނުއިރު، ޕެލެސްއިން ވަނީ މެޗުގެ ކުރީގޮޅު ރަގަޅު ހަމަލާތަކެއް އުފައްދާ، ގާތްގަނޑަކަށް ނަތީޖާ ވެސް ބަދަލުކޮށްފައެވެ. 

ޕެލެސްއަށް މެޗުގެ 13ވަނަ މިނެޓުގައި ޗެލްސީގެ ގޯލު ކުރިމަތިން ލިބުނު ހިލޭ ޖެހުން އެ ޓީމުގެ މެދަށް ކުޅޭ އެބެރެޗި އެޒޭ ކާމިޔާބުކުރި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ ނިންމީ އެ ގޯލު ނުގުނުމަށެވެ. އެއީ ޕެލެސްގެ ކެޕްޓަން މާކް ގޭހީ އާއި ޗެލްސީގެ ދިފާއީ ފާރާ ދެމެދު 1 މީޓަރުގެ ދުރުމިނެއް ނެތުމުންކަމަށް ހާމަކޮށްފައިވެއެވެ. 

ޗެލްސީއިން ގޯލެއް ކާމިޔާބުކުރުމަށް ކުރަމުން ދިޔަ މަސައްކަތުގައި، ދެވަނަ ހާފުގައި ވަނީ އެޓޭކިން ދެ ކުޅުންތެރިން ކަމުގައިވާ، 29 މިލިއަނުގެ އެސްޓެވާއޯ ވިލިއަން އާއި 30 މިލިއަންގެ ލިއާމް ޑިލެޕް ކުޅެން އަރުވާފައެވެ. 

ނަމަވެސް އެ ކުޅުންތެރިންނަށް ލިބުނު ފުރުސަތުތައް ވެސް ކާމިޔާބު ނުކުރެވި، ޗެލްސީއަށް ސީޒަން ފަށަން ޖެހުނީ އެއް ޕޮއިންޓާއެކުއެވެ. 

ޗެލްސީން މި ސީޒަނުގެ ޓާގެޓަކީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމެވެ. ނަމަވެސް އެ ޓީމަށް މިވަގުތު އޮތް ޕްރެޝަރަކީ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު އައިސް، 3 ޕޮއިންޓު ހޯދޭގޮތް ނުވުންކަމަށް ޤަބޫލުކުރެވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން