ކުޅިވަރު

މަޤާމުގައި ދެމިހުރުމާ ގުޅޭ ގޮތުން ވާހަކަދައްކާނީ އަނބުރާ ދިއުމަށްފަހު: ކޯޗު އުރުބާނީ

މަޤާމުގައި ދެމިހުރުމާ ގުޅޭ ގޮތުން ވާހަކަދައްކާނީ އަނބުރާ ދިއުމަށްފަހު: ކޯޗު އުރުބާނީ

ކޯޗު އުރުބާނީ ޕްރެސް ކޮންފަރެންސެއްގައި / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

11 ނޮވެމްބަރު 2026، 08:46

11 ނޮވެމްބަރު 2026، 08:46

ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަޤާމުގައި ދެމިހުރުމާ މެދު ގޮތެއް ނިންމައި ވާހަކަދައްކާނީ ޓީމު އަނބުރާ ރާއްޖެ ދިއުމަށްފަހު ކަމަށް، ޤައުމީ ކޯޗު އިސްތަވާން އުރުބާނީ ބުނެފިއެވެ.

ހަންގޭރީއަށް ނިސްބަތްވާ އުރުބާނީ މިހެން ބުނީ، ސާފް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖޭގެ ޤައުމީ ޓީމުން ނެރުނު ދަށް ނަތީޖާތަކާއި، އޭނާގެ އިރުޝާދުގެ ދަށުން މި ފަހަކަށް އައިސް ރާއްޖެއިން ނެރުނު ދަށް ނަތީޖާތަކާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

އުރުބާނީގެ ކޯޗުކަމުގެ ދަށުން ރާއްޖެއިން މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ. ހަތް މެޗުން ޓީމު ބަލިވެފައިވާއިރު، އަނެއް ތިން މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. މި ނަތީޖާތަކާ ގުޅިގެން އޭނާއަށް ވަނީ ދިވެހި ސަޕޯޓަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

މުބާރާތުގެ މެޗުތަކަށް އަލިއަޅުވާލަމުން އުރުބާނީ ބުނީ، އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ރަނގަޅު އަދި އުންމީދީ ކުޅުމެއް ފެނިގެންދިޔަ ކަމަށެވެ. މީގެއިތުރުން އޭނާ ފާހަގަކުރި ގޮތުގައި މިހާރު ސާފް ސަރަޙައްދުގެ ޓީމުތައް ވަނީ ކުރިއަށްވުރެ ބޮޑަށް ވަރުގަދަވެފައެވެ. އަދި ރާއްޖެއިން މި މުބާރާތާ ކުރިމަތިލީ ނިސްބަތުން ތަޖުރިބާ މަދު ޒުވާން ކުޅުންތެރިންތަކަކާ އެކުގައި ކަމަށާއި، އެއީ އެންމެންވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމަށް އޭނާ ބުންޏެވެ.

މެޗަށްފަހު ވާހަކަދައްކަމުން އުރުބާނީ ވަނީ ރެފްރީންގެ ނިންމުންތަކާ މެދު އަނެއްކާވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭނާ ބުނި ގޮތުގައި ސާފް ޗެމްޕިއަންޝިޕް ފަދަ މުހިންމު ފެންވަރެއްގެ މުބާރާތެއްގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ގެ ޚިދުމަތް މިހާރު ބޭނުންކުރަން ޖެހެއެވެ.

އިސްތަވާން އުރުބާނީއަކީ މީގެ ކުރިންވެސް ރާއްޖޭގެ ޤައުމީ ޓީމަށް އިރުޝާދު ދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ. އޭނާ ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ރާއްޖެ ގޮވައިގެން ސާފް ޗެމްޕިއަންޝިޕަށް ނުކުމެފައެވެ. އޭގެ ތެރެއިން 2009 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލަށް ރާއްޖެ ގެންގޮސްދިނީވެސް އުރުބާނީގެ އިރުޝާދުގެ ދަށުންނެވެ. ނަމަވެސް މިފަހަރުގެ މުބާރާތުގައި ޓީމަށް އެދެވޭ ކާމިޔާބީއެއް ނުހޯދުމުން، އޭނާ މަޤާމުގައި ދެމިހުރުމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450