ކުޅިވަރު

ޕޮއިންޓެއް ނުލިބި ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕުން އަލްވަދާއު ކިޔަންޖެހިއްޖެ

ޕޮއިންޓެއް ނުލިބި ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕުން އަލްވަދާއު ކިޔަންޖެހިއްޖެ

އައިސަމް ބޯޅަ ފޮނުވާލަނީ / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 ނޮވެމްބަރު 2026، 06:03

11 ނޮވެމްބަރު 2026، 06:03

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ޕޮއިންޓެއް ނުލިބި، ދިވެހިރާއްޖެ މުބާރާތުން އަލްވަދާއު ކިޔަންޖެހިއްޖެއެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ވިދިވިދިގެން ރާއްޖެ ކެޓި ދެވަނަ ފަހަރެވެ. އެންމެ ފަހުން 2023 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު މުބާރާތުގެ ގްރޫޕް ސްޓޭޖުން ވެސް ރާއްޖެ ވަނީ ކަޓައިފައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި މިއަދު އިންޑިއާއާ ވާދަކޮށް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އިންޑިއާއިން ޖެހި ހަމައެކަނި ލަނޑަކީ ފުރަތަމަ ހާފުގައި ރާއްޖޭގެ ހުސެއިން ޝިފާއު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ސުހެއިލް ބަޓް ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ މެޗާ އަޅާބަލާއިރު މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމުން މާ ރަނގަޅަށް ކުޅެ، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގައި މުޒްދާން ހަސަން އަދި އީތަން ޒަކީ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ ފާހަގަކޮށްލެވެއެވެ. ނަމަވެސް އެ ދެ ހަމަލާ ވެސް އިންޑިއާގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މީގެއިތުރުން އިބްރާހީމް އައިސަމް ފޮނުވާލި ބާރު ހަމަލާ ވެސް ހުއްޓުވީ އިންޑިއާގެ ކީޕަރު ޕްރިޔާންޝް ޑުބޭއެވެ.

މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ޕާކިސްތާން އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ހޯދުމުގެ އުންމީދު ދެމެހެއްޓުމަށްޓަކައި، މިއަދުގެ މެޗަށް ރާއްޖެ ނުކުތީ ބޮޑު ތަފާތަކުން އިންޑިއާ ބަލިކުރުމުގެ މަޖުބޫރުކަމާ އެކުގައެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި، މެޗުން ބަލިވުމުން ރާއްޖެއަށް ޖެހުނީ މުބާރާތާ އަލްވަދާއު ކިޔާށެވެ.

މި ނަތީޖާއާއެކު، ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި އިންޑިއާ ސެމީ ފައިނަލަށް ދަތުރުކުރީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓް ހޯދައިގެންނެވެ. އަދި މި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ތިން ޕޮއިންޓާއެކު ޕާކިސްތާނުން ވެސް ވަނީ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ. ރާއްޖެ މުބާރާތް ނިންމާލީ ކުޅުނު ދެ މެޗުން ވެސް ބަލިވެ، އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައި އޮވެގެންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450