ކުޅިވަރު
އާސެނަލްއިން އުނދަގޫ މޮޅެއް ހޯދިއިރު، ޔުނައިޓެޑަށް ބޮޑީ ކީޕަރުގެ މައްސަލަ

އާސެނަލްއިން ގޯލު ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ، ފޮޓޯ: ޕްރިމިއަރ ލީގު
އިންގްލިޝް ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ބައްދަލުކުރި މެޗުން އާސެނަލް އުނދަގޫ މޮޅެއް ހޯދައިފިއެވެ. މެޗުގެ ނަތީޖާ ކަނޑައެޅި ގޯލު ކާމިޔާބުކުރީ އާސެނަލްގެ ފަހަތަށް ކުޅެމުން އަންނަ ރިކާޑޯ ކެލިފިއޯރީއެވެ.
އޯލްޑް ޓްރެފޯރޑްގައި ކުޅުނު މި މެޗުގައި އާސެނަލްއިން ލީޑު ނެގީ 13ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ކޯނަރަކުންނެވެ. ކޯނަރުން ނެގި ބޯޅަ ކެލިފިއޯރީއަށް ލިބުނީ، ޔުނައިޓެޑުގެ ގޯލު ބަލަހައްޓަމުން ދިޔަ ތުރުކީގެ ގޯލްކީޕަރު، އަލްޓޭ ބެއިންދިރް އަތުގައި ޖެހުމަށްފަހުއެވެ. އެވަގުތު ކީޕަރު ވަނީ އާސެނަލްގެ ވިލިއަމް ސަލީބާ އޭނާއަށް ހުރަސްއަޅަމުން ދިޔަކަމަށް ބުނެފައެވެ. ނަމަވެސް، އެކަށީގެންވާ މިންވަރަށް އެ ބޯޅަ ހޯދުމަށް ގޯލުކީޕަރު ހަރަކާތްތެރިވެފައެއް ނުވެއެވެ. އެހެންކަމުން ރެފްރީ ވަނީ އެއީ ގޯލެއްކަމަށް ނިންމާފައެވެ.
އަނެއްކޮޅުން ޔުނައިޓެޑަށް އަލަށް ގެނައި މެތިއުސް ކޫނާ އާއި ބްރްޔަން ބެއުމޯ ވަނީ އާސެނަލްގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަމަވެސް، އެ ޓީމުގެ ގޯލްކީޕަރު، ޑޭވިޑް ރާޔާ ވަނީ ހުޝިޔާރުކަމާއެކު ގޯލް ދިފާއުކޮށްފައެވެ.
ޔުނައިޓެޑުން އެންމެ ނުރައްކާކުރީ މެޗުގެ ގަޑިއެއްހާއިރު ކުޅެވުނުފަހުން އެ ޓީމުން އުފެއްދި ހަމަލާއިންނެވެ. ނަމަވެސް ވާތް ފަރާތުގެ ކަނާދިމާލުން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޕެޓްރީ ޑޮރގޫ ފޮނުވާލީ ބޯޅަ އަމާޒުވީ އާސެނަލްގެ ގޯލް ދަނޑިއާއެވެ.
މި މެޗުން ޔުނައިޓެޑު ބަލިވިނަމަވެސް އެ ޓީމަށް އޮތް ހިތްހަމަޖެހުމަކީ ޓީމުގެ ފޯވާޑް ލައިން ވަރުގަދަވެގެން ދިޔަތަން ފާހަގަވުމެވެ. އެހެންކަމުން މިދިޔަ ސީޒަނުގައި ގޯލު ނުޖެހިގެން އެ ކްލަބަށް ލިބުނު ނާކާމިޔާބީއިން އަރައިގަނެވޭނެކަމުގެ އުއްމީދުތައް ވަނީ އަވެފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު އަމޮރިމް ބުނީ، ޓީމުގެ ކުޅުމާ ދޭތެރޭ ހިންހަމަޖެހޭ ކަމަށާއި ނަމަވެސް ބަލިވުމުން ހިތާމަކުރާ ކަމަށެވެ.