ކުޅިވަރު
އައިޓީއެފް ޖޭ30: ރާއްޖޭގެ 13 ކުޅުންތެރިއަކު މެއިން ޑްރޯގައި ވާދަކުރާނެ

އައިޓީއެފް ޖޭ30ގައި ރާއްޖޭގެ ކުޅުންތެރިއަކު ވާދަކުރަނީ، ފޮޓޯ: ޖަވިޔަނި
ރާއްޖޭގައި މިހާރު ކުރިޔަށްދާ އައިޓީއެފް ޖޫނިއަރ ޓެނިސް މުބާރާތުގެ މެއިން ޑްރޯގައި ރާއްޖޭގެ 13 ކުޅުންތެރިއަކަށް ފުރުސަތު ލިބިއްޖެއެވެ.
ހޮނިހިރު ދުވަހު ފެށި މި މުބާރާތުގައި އިއްޔެއާ ހަމައަށް ކުރިއަށް ގެންގޮސްފައި ވަނީ ސިންގަލްސް ކޮލިފިކޭޝަން މެޗުތަކެވެ. އޭގެތެރޭގައި އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނެއެވެ.
އެގޮތުން އިއްޔެގެ ކޮލިފިކޭޝަން މެޗުތަކުގައި ރާއްޖޭގެ 6 ކުޅުންތެރިއަކު ވާދަކުރިއެވެ. މީގެ ތެރެއިން މެއިން ޑްރޯއަށް ކޮލިފައިވީ ނީމް އަޙުމަދު ސަލީމް އާއި ކްލާރާ ސެރީނާ އާސިފްއެވެ.
ކޮލިފައިންގެ ދެވަނަ ބުރުގައި ނީމް ބައްދަލުކުރީ ސްރީލަންކާގެ ރަޝްމީ އޮމާޔާ ވިޖެވަރުދަނާއާއެވެ. މި މެޗުގެ ފުރަތަމަ ސެޓު ނީމް ކާމިޔާބުކުރީ އިދިކޮޅު ކުޅުންތެރިޔާއަށް ގޭމެއް ނުދީއެވެ. އަދި ދެވަނަ ސެޓު ކާމިޔާބުކޮށްފައިވަނީ 6-1 ގޭމުންނެވެ.
އަދި ކޮލިފައިންގެ ދެވަނަ ބުރުގައި ކްލާރާ ބައްދަލުކުރީ ރާއްޖޭގެ ޒަހާރާ ލައިލީ ޝިހާމްއާއެވެ. ކްލާރާ ފުރަތަމަ ސެޓު ކާމިޔާބުކުރީ 6-3 ގޭމްސްއިންނެވެ. އަދި ދެވަނަ ސެޓު ނިންމާލީ ޒަހާރާއަށް އެއްވެސް ގޭމެއް ނުދީ 6-0އިންއެވެ.
ކޮލިފައިންގެ ދެވަނަ ރައުންޑުގައި ވާދަކުރި ރާއްޖޭގެ އިތުރު ކުޅުންތެރިންނަކީ މިކާ މުހައްމަދު ކަލީމް، މަލް މުހައްމަދު، އާއިޝަތު ލިވިއާ ޚަތީރެވެ.
މިއާއެކު މުބާރާތުގެ މެއިން ޑްރޯގައި ރާއްޖޭގެ 13 ކުޅުންތެރިން ވާދަކުރާނެއެވެ. އޭގެތެރޭގައި، މުބާރާތް ބާއްވާ ޤައުމުގެ ހައިސިއްޔަތުން، އަންހެން އަދި ފިރިހެން ޑިވިޝަނަށް ވަކިވަކިން ލިބުނު މެއިން ޑްރޯގެ 4 ފުރުސަތު ވެސް ހިމެނެއެވެ.