ޚަބަރު
ޕާކިސްތާނުގައި ފެން ބޮޑުވި ޙާދިސާގައި މަރުވެފައިވާ މީހުންގެ ޢާއިލާތަކަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު |ފޮޓޯ: ރައީސް އޮފީސް
ޕާކިސްތާނުގައި ފެން ބޮޑުވި ޙާދިސާގައި މަރުވެފައިވާ މީހުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅެމުންދިޔަ ގިނަ ޢަދަދެއްގެ ބަޔަކު މަރުވި ޚަބަރު އަޑުއެހީ ނުހަނު ފުން ހިތާމައާއެކު ކަމަށެވެ. އަދި މި ޙާދިސާގައި މަރުވެފައިވާ މީހުންގެ ޢާއިލާތަކަށާއި އެކި ވަރުގެ ގެއްލުން ލިބުނު ފަރާތްތަކަށް ތައުޒިޔާ ވިދާޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، އެ ޤައުމަށް ދިމާވެފައިވާ މި ހިތާމައިގެ ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ޕާކިސްތާނު ރައްޔިތުންނާއެކުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕާކިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާއި ހޮނު އެޅުމުގެ ސަބަބުން އެ ޤައުމުގެ 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.